ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަން ފަހަނައަޅާ ގޮސްފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ޢާންމުކުރި މަޢުލޫމާތުގެ މަތިން، އޮގަސްޓު 27 ގެ ނިޔަލަށް ރާއްޖެއަށް 1،343،911 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،216،815 ފަތުރުވެރިންނާ އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރު ދުވާލަކަށް އެވަރެޖްކޮށް 5،600 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އެވަރެޖްކޮށް މަޑުކުރާ މުއްދަތަކީ 7.7 ދުވަހެވެ.
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު 200،000 އާ ކައިރިވެފައިވާއިރު، އެ ޤައުމަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޤައުމުގެ ގޮތުގައި ދެމިހުރި ޤައުމެވެ.
އެންމެ ގިނަ ފަތުރުވެރިން ފޮނުވާ މާކެޓުތައް:
* ޗައިނާ: 195،689 ފަތުރުވެރިން (14.6 އިންސައްތަ)
* ރަޝިޔާ: 144،950 ފަތުރުވެރިން (10.8 އިންސައްތަ)
* ޔޫކޭ: 116،268 ފަތުރުވެރިން (8.7 އިންސައްތަ)
* އިޓަލީ: 100،367 ފަތުރުވެރިން (7.5 އިންސައްތަ)
* ޖަރުމަނުވިލާތް: 94،978 ފަތުރުވެރިން (7.1 އިންސައްތަ)
* އިންޑިޔާ: 80،365 ފަތުރުވެރިން (6 އިންސައްތަ)
* އެމެރިކާ: 45،920 ފަތުރުވެރިން (3.4 އިންސައްތަ)
* ފަރަންސޭސިވިލާތް: 38،999 ފަތުރުވެރިން (2.9 އިންސައްތަ)
* ސްޕެއިން: 28،780 ފަތުރުވެރިން (2.1 އިންސައްތަ)
* ސުވިޒަލޭންޑު: 25،622 ފަތުރުވެރިން (1.9 އިންސައްތަ)
މި އަހަރު ރާއްޖެއަށް ރެކޯޑު އަދަދެއްކަމަށްވާ 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރެވެއެވެ.