ލިބޭ އާމްދަނީ މަދުވުމަކީ ރިޝްވަތުގައި ހިފުމަށް މަޖުބޫރު ވާންވީ ކަމެއްނޫން: ޚުތުބާ

ލިބޭ އާމްދަނީ މަދުވުމަކީ ރިޝްވަތުގައި ހިފުމަށް މަޖުބޫރު ވާންވީ ކަމެއްނޫން: ޚުތުބާ

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2020 01:16
0

އެ މީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ އެ މީހަކު ރިޝްވަތު ހިފުމަށް ނުވަތަ ދީނުގައި ޙަރާމް ކުރައްވައިފައިވާ އެނޫންވެސް ކަންތަކަށް އަރައިގަތުމަށް މަޖުބޫރުކުރުވާ ކަމެއް ނޫންކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ ރިޝްވަތާއި ގުޅޭގޮތުންނެވެ. ޚުތުބާގައި ބުނެފައިވަނި މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ ވަބާއަކީ ރިޝްވަތުގެވަބާކަމުގައެވެ. އެއީ ވަރަށް ސިއްރުގޮތެއްގައި ކުރެވެމުންދާ ކަމަކަށް ވާއިރު، ވަރަށް ގިނަ މުޖުތަމަޢު ތަކުގައި ރިޝްވަތުގެ ޢަމަލުތައް ވަނީ ޢާއްމުވެފައިކަމަށެވެ. އަދި ބައެއް މުޖުތަމަޢު ތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާނުލައި އެއްވެސް ކަމެއް ނުކުރެވޭ ހާލަކަށް ގޮސްފައިވާކަމަށެވެ. ހަމަ އެހެންމެ މިފަދަ މުޖުތަމަޢު ތަކުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ ޢަމަލުތައް އިތުރުވެ، ރިޝްވަތުގެ ސަބަބުން ތަނުގެ ޢަދުލު އިންޞާފު ގެއްލި އެތައް ބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެ، އަނެއް ބައެއްގެ ކަންތައްތައް އަވަހަށް ނިމިގެންދާތަން ފެންމުންދާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި އެއްބަޔަކަށް ޙައްޤުވާ އެތައް ކަމެއް އެބައިމީހުންނަށް ނުލިބި އެ ކަންކަން ޙައްޤުނުވާ އެތައް ބަޔަކަށް ލިބިގެންދިއުމާއި، މިހުރިހާ ކަމަކީ ވެސް ޤައުމާއި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިކަމަކީ ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭ ކަންކަމަކަށްވާއިރު، މިކުޑަކުޑަ މުޖުތަމަޢުވެސް މި ނުރައްކާތެރި ވަބާގައި ޖެހި ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެކަމެއްކަމަށް މުޖުތަމަޢުގެ ބައެއް މީހުން މިއަދު ދެކެންފަށާފައިވާކަމަށެވެ.

އެ މީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ އެ މީހަކު ރިޝްވަތު ހިފުމަށް ނުވަތަ ދީނުގައި ޙަރާމް ކުރައްވައިފައިވާ އެނޫންވެސް ކަންތަކަށް އަރައިގަތުމަށް މަޖުބޫރުކުރުވާ ކަމެއް ނޫން މާތް ﷲ ގެ ހެޔޮމިންވަރަށް އީމާންވެ، އެ މީހެއްގެ ޢަމަލުތައް އިޞްލާޙުކޮށް ޢިއްޒަތުއްނަފުސު ރައްކާތެރިކުރުމާއެކު އެމީހެއްގެ ރިޒުޤު ތަނަވަސްކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަންވީ. ކޮންމެ ނަފުސަކަށްވެސް ރިޒުޤުދެއްވަނީ ﷲ. އެ ގޮތަކީ އެމީހާއަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ އެގޮތް ހިއްވަވައި ދެއްވާނެ. ރިޝްވަތު ނަގާ މީހުންނަށް އާޚިރަތުން ލިބޭ ޢަޛާބުގެ އިތުރުން އެފަދަ މީހުންނަކީ ދުނިޔޭގައިވެސް މީސްތަކުންގެ ލަޢުނަތާއި، ނުރުހުމާއި، މަލާމާތް ލިބެމުންދާނެ ބައެއް.

– ޚުތުބާގައި ބުނެފައި ވެއެވެ.

ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުކުރެވިފައިވާ ކަމެއްގައި ތެދުވެރިވެ އަމާނަތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވައިފައިވާ ކަމެއްކަމަށާއި، ރިޝްވަތަކީ ތިމާއަށް ޙައްޤުނޫން ކަމެއް ނުވަތަ ޙައްޤު ނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެ ނޫންވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުންކަމުގައި ޚުތުބާގައިވެއެވެ. އަދި މީގެ އިތުރުން ޤަވާޢިދާ ޚިލާފަށް ކަންތައް ނިންމުމަށް ނުވަތަ ކުރުމަށް ދޭ ފައިސާ އާއި ތަކެއްޗާއި ކެއުމާއި ސައި އަދި މިނޫން ވެސް މިފަދަ މަންފާތައް ޙައްޤު ނޫން ފަރާތްތަކަށް ހޯދައި ދިނުންކަމުގައި ބުނެފައިވެއެވެ.

ރިޝްވަތަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވީ ހިނދު، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ގެ ލަޢުނަތް ޙައްގުވެގެންވާކަން ކީރިތިރަސޫލާ ގެ ބަޔާން ކުރައްވާފައި ވެއެވެ. "ރިޝްވަތުދޭ މީހާއާއި، ރިޝްވަތު ހިފާމީހާ، އަށް މާތް ﷲ ލަޢުނަތް ލެއްވިއެވެ." އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުން ދުރުހެލިވެ، އެހެން މީސްތަކުން ވެސް މިކަމުންދުރުހެލި ކުރުވުމަށް މަސައްކަތްކޮށް، އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދިނުމެވެ.

– ޚުތުބާގައި ބުނެފައި ވެއެވެ.

ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް ޢިލްމުވެރިން ބަޔާންކުރައްވައިފައި ވެއެވެ. އެއްކަމަކީ، އެކަމުގައި ބައިވެރިވާ މީހުންގެ އީމާންތެރިކަމެއް ނެތުމެވެ. ރިޒުޤު ދެއްވާ ފަރާތަކީ، މާތް ﷲ ކަން ޤަބޫލު ނުކުރެވުމެވެ. އެމީހަކު މާތް ޙަރާމް ކުރައްވާފައިވާ ގޮތްގޮތުން ފައިސާ އާއި ތަކެތި ހޯދިކަމުގައި ވިޔަސް އެތަކެތީގައި ބަރަކާތެއް ނުހުންނާނެކަމާއި އެ ގޮތަށް އުޅެން ވެއްޖެނަމަ މުޅި ޢުމުރުގައިވެސް އުޅެންޖެހޭނެ ގޮތަކީ އެއީކަން ހިތަށް ނޭރުމެވެ. ދެވަނަ ސަބަބަކީ، ތިމާއަށް ލިބޭމިންވަރަށް ޝުކުރުވެރި ނުވުމާއި ތިމާއަށްވުރެ ތަނަވަސްކަމުގައި އުޅޭ މީހުން އުޅޭ ގޮތަށް އުޅޭ ހިތްވުމެވެ. މިންވަރަށް އީމާންނުވެވެނީއެވެ. މާ އަވަހަށް މުއްސަނދިވާން ބޭނުންވަނީ ކަމުގައި މިއަދު ޚުތުބާގައި ބުނެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.