ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލުމަށް ނިންމި ނިންމުން އެބޭންކުން އަނބުރާ ގެނެސްފިއެވެ.
ބޭންކުން އެކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ކުރި އެކްސް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބޭންކުން ބުނެފައިވަނީ، އެ ނިންމުން އަބުރާ ގެންދިޔައީ ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދުގެމަތިން ކަމުގައެވެ.
— Bank of Maldives (@bankofmaldives) August 25, 2024
ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލިކަން ބޭންކުން އިއުލާންކުރީ މިއަދު ހެދުނުއެވެ. ކުރިން ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކަށް މަހަކު 250 ޑޮލަރު އައީ ދެމުންނެވެ.
ބީއެމްްއެލްއިން މިއަދު ހެނދުނު ނެރުނު ނޫސް ބަޔާނެއްގައި ޑޮލަރު ލިބުން ދަތިވެ ބޭރުގައި ވިޔަފާރިކުރަން ދީފައިވާ ކާޑް ލިމިޓްތަކަށް ގެނައި ބަދަލުތައް އިއުލާންކޮށްފައިވެއެވެ.
އެގޮތުން، މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެކަމަށް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރިކަންވެސް ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން، އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ތެރެއިން ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެކަމަށްވެސް ބޭންކުން ހާމަކޮށްފައިވެއެވެ.
ބީއެމްއެލްގެ މި ނިންމުން އަނބުރާ ގެންގޮސްފައިވަނީ، ބީއެމްއެލްގެ ނިންމުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުން ބޭންކަށާއި ސަރުކާރަށް އަމާޒުވަމުން ދަނިކޮށެވެ.