އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ޚިދުމަތްތައް އެކުގައި ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކުރެވިއްޖެއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި ފަހުމުނާމާގެ ދަށުން އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތާއެކު، އިތުރު މެރިޓައިމް ޚިދުމަތްތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯއިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ފޯރުކޮށްދޭނީ ޕައިލަޓޭޖާއި އެހެނިހެން މެރިޓައިމް ޚިދުމަތްތަކެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ކުންފުނިން ގުޅިގެން ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ވީހާވެސް ފަސޭހަ ޚިދުމަތެއް ދިނުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ. އަދި މި ޚިދުމަތް މާކެޓް ކުރުމުގައިވެސް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ، އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށާއި، އުތުރުގައި ބަންކަރިންގ އަދި މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.
"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރުވެސް ހއ. އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލްކުރޭ ފެނުގެ ޚިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެން ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.