މާދަމާ އެ ކުންފުނީގެ ސެންޓަރުތަކުން ކޮންމެ ދޯންޏަކަށް 3 ޓަނުގެ އައިސް ހިލޭ ދޫކުރާނެކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އިޢުލާނުކޮށްފިއެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ސްޓޮކް ހުސްވަންދެން ކަމަށާއި، މިއީ މަސްވެރިންނަށް މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއްކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކަމަށާއި، މި ޚިދުމަތް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ފާހަގަކުރައްވާފައިވެއެވެ. މިގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު 11 އައިސް ޕްލާންޓެއް މިފްކޯއާ ހަވާލުކުރެވިފައިވާކަން އެނގެއެވެ.
އިތުރުން، މަސްވެރި އުޅަނދުފަހަރުގައި ބާނާ މަސް ރައްކާތެރިކަމާއެކު ފިނިކޮށް ބެހެއްޓޭނެ ސިސްޓަމެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. މިކަމަށްޓަކައި 200 ދޯންޏެއްގައި މި ސިސްޓަމް ޤާއިމުކުރެވޭ ވަރުގެ ބަޖެޓެއް ކަނޑައަޅާފައިވާކަން މިނިސްޓަރު ޝިޔާމް ކުރިން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ