ދިވެއްސަކާ ބޭރުގެ ދެ ބޭފުޅުން ހިމެނޭހެން ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ތިން މެންބަރަކު އައްޔަން ކޮށްފި

ދިވެއްސަކާ ބޭރުގެ ދެ ބޭފުޅުން ހިމެނޭހެން ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ތިން މެންބަރަކު އައްޔަން ކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން މެންބަރަކު މިއަދު އައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން (ޕީސީބީ) މަޢުލޫމާތު ދިން ގޮތުގައި، އައްޔަނުކުރެވުނު މެންބަރުންގެ ތެރޭގައި އެއް ދިވެއްސަކާއި ދެ ބިދޭސީން ހިމެނެއެވެ. އެއީ އަހްމަދު އަލީ (މއ. ވޭސައިޑް 805 ފްލެޓް)، ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު (ސިންގަޕޫރު) އަދި ރޮބަޓް ޑުނިއެލް ކާންޓް (އިނގިރޭސިވިލާތް) އެވެ.

އަހްމަދު އަލީއަކީ މީރާގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިސްލާމިކް ބޭންކުގެ ބޯޑު މެންބަރުކަމާއި އެސްއެންޑްއޭ ލޯޔާސް އެލްއެލްޕީގެ ސީނިއާ ޕާޓްނަރު ޓެކްސްގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެއިތުރުން، ފީފާއިން އެކުލަވާލި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީގައި ވެސް އަހްމަދު ހިމެނިވަޑައިގަންނަވައެވެ. އަހްމަދު އަލީ ވަނީ އެކައުންޓިންގ ޑިގްރީއާއި ޝަރީޢާ އިން ލޯ އިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ސައިންސް އިން ފައިނޭންސިންގ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ 16 މެއި 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އިންވެސްޓްކުރުމާއި، އުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުން ހިމެނެއެވެ. އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުން ހިމެނެއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެހަކީ މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *