އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ކުރީގެ ޗެއާމަން ޑރ. އަލީ އަބްދުﷲ ލަތީފާއި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި މަނީ ލޯންޑާ ކުރިކަމުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފުލުހުންނާއި މީރާއަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
ލަތީފުގެ އިތުރުން އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިން މައްޗަށްވެސް ދައުވާ ކުރުމަށް އޭސީސީން ވަނީ ފޮނުވާއެވެ.
މި މައްސަލާގައި އޭސީސީން ނޫސްތަކަށް ދިން މައުލޫމާތުގައި ބުނީ ލަތީފު އަދި އޭނާގެ ކުންފުނިން ޓެކުހަށް މަކަރުހަދާ މަނީ ލޯންޑާ ކޮށްފައިވާކަމަށް ތަހުގީގީ ހޯދުންތަކުން ތުހުމަތު ކުރެވޭ ކަމަށެވެ. އެ ކޮމިޝަނުން މިހާރު ވަނީ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް، އަދި ޓެކުހަށް މަކަރު ހެދި މައްސަލަ ބަލަން މީރާއަށް ފޮނުވާފައެވެ.
ލަތީފަކީ އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަންގެ އިތުރުން، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. މަނީ ލޯންޑަރިންނާއި ޓެކުހުގެ މައްސަލަ ފެންމަތިވީ އޭސީސީން ލަތީފު ހިމެނޭހެން އޭސީސީން ތަހުގީގުކުރި ކޮރަޕްޝަނުގެ މައްސަލައެއްގެ ތެރެއިންނެވެ.
އެގޮތުން މުޅި ދުނިޔޭގައި 2020 ވަނަ އަހަރު ފެތުރެން ފެށި ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މި މައްސަލާގައި ލަތީފުގެ އިތުރުން އައިޖީއެމްއެޗްގެ ކުރީގެ ދެ އިސްވެރިއަކަށް ދައުވާކުރަން އޭސީސީން މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ދެން ދައުވާކުރަނީ އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރަން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.