އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫއަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށެވެ. އިދާރާއިން މިއަދު ޝާއިޢުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހުނީ ހދ. ހަނިމާދޫއަށެވެ. އެރަށަށް 31.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ށ. ފުނަދޫއަށެވެ. ފުނަދޫއަށް 30.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭވެހުނު ދެރަށަކީ ހއ. ކެލާ އާއި ހދ. މަކުނުދޫއެވެ. ކެލާއަށް 22.6 މިލިމީޓަރު އަދި މަކުނުދޫއަށް 20.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ ސަމާލުކަން ނެރެފައެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިދާރާއިން އިރުޝާދު ދީފައިވެއެވެ.