އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހޭ މިލިއަނެއްހާ ރުފިޔާގެ އިލެކްޝަންސް ކޮމިޝަނަށް އަދިވެސް ނުލިބި އޮތްކަން ހާމަވެއްޖެއެވެ.
2022 ވަނަ އަހަރުގެ އިލެކްޝަންސް ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭ 1,043,706 ރުފިޔާގެ 80 އިންސައްތައަކީ އައިލެންޑް އޭވިއޭޝަނުން ދައްކަންޖެހޭ ފައިސާއެވެ. އައިލެންޑް އޭވިއޭޝަނުން ދައްކަންޖެހޭ ޖުމްލަ އަދަދަކީ 875,989 ރުފިޔާއެވެ. މީގެ ތެރެއިން 11,298 ރުފިޔާއަކީ 2020 ވަނަ އަހަރުގެ ޓިކެޓް ރިފަންޑެވެ. އަދި 864,700 ރުފިޔާއަކީ 2017 އިން 2022 އަށް (2020 ފިޔަވައި) ނަގާފައިވާ ޓިކެޓްތަކުގެ ރިފަންޑެވެ.
އިލެކްޝަންސް ކޮމިޝަނުން އައިލޭންޑް އޭވިއޭޝަންއަށް ރިފަންޑް ފޯމު ހުށަހަޅާފައިވީނަމަވެސް، ފައިސާ ހޯދުމަށް އިތުރު މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ފަހުން، އިލެކްޝަންސް ކޮމިޝަނުން ވަނީ މި ފައިސާ ނުލިބޭނެކަމަށް ނިންމާފައެވެ. ނަމަވެސް މިފަދަ ނިންމުމެއް ނިންމަންވާނީ ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ މަތިން ކަމަށްވީނަމަވެސް، އެ އިރުޝާދު ނުލިބިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަމުގައި ގޮތެއް ނިންމާފައެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ލޯކަލް ކައުންސިލްތަކުން ލިބެންޖެހޭ 167,708 ރުފިޔާ ވެސް ހިމެނެއެވެ. ނަމަވެސް، ވަކިވަކި ކައުންސިލްތަކުގެ ތަފްސީލު އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ