ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރުން ފަސޭހަކުރުމަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލުގެ ބަހުސް މަޖިލީހުގައި ފެށިއްޖެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާންއެވެ. އަޒާން ވިދާޅުވި ގޮތުގައި މި ބިލަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގައި:
– ފޮރިން އިންވެސްޓްމަންޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގެ އުސޫލުތައް
– އިންވެސްޓް ކުރުމަށް ހުއްދަ ދޫކުރުމުގެ އުސޫލުތައް
– އިންވެސްޓަރުންނަށް ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަމުގެ އުސޫލުތައް
– އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ޙާލަތްތަކާއި ބަދަލު ދިނުމުގެ އުސޫލުތައް ހިމަނާފައިވާ ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެފައި ނުވުމަކީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަން، ދަނޑުވެރިކަން، ޓެކްނޮލޮޖީ އަދި ހަކަތައިގެ ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، މި ބިލު ފާސްވުމުން މިކަންކަން ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދިވެހިންނަށްވެސް ވިޔަފާރި ފެށުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އެގޮތުން ހުއްދަތައް ހޯދުމުގައި ދިވެހިންނަށް ދަތިތަކެއް ހުރިއިރު، ބޭރުގެ އިންވެސްޓަރުންނަށް މިކަން އިތުރަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ބިލުން ބޭރުގެ އިންވެސްޓަރުންގެ އިތުރުން ދިވެހި އިންވެސްޓަރުންނާއި ދިވެހި ދައުލަތުގެ މަޞްލަޙަތުވެސް ޙިމާޔަތްކޮށްދީފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.