މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު، ސްކޫލްތަކުގެ ކިޔެވުން ކެންސަލް ކޮށްފި

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު، ސްކޫލްތަކުގެ ކިޔެވުން ކެންސަލް ކޮށްފި

Author
ހުސައިން
13 އޮގަސްޓް 2024 03:26
0

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، ރައްކާތެރިކަމުގެ ގޮތުން ސްކޫލުތަކުގެ ހަވީރު ދަންފަޅިތަކުގެ ކިޔެވުން އެޑިއުކޭޝަން މިނިސްޓްރީން ކެންސަލްކޮށްފިއެވެ. މީގެ އިތުރުން ޓިއުޝަން އަދި ޤުރުއާން ކްލާސްތަކުގެ ކިޔެވުންވެސް ހުއްޓާލާފައިވާއިރު، ޕްރީ ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ.

މެދުނުކެނޑި ވެހެމުންދާ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސިފައިންނާއި ފުލުހުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަވެހޭނެ ކަމަށް ލަފާކުރެވެއެވެ. އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ. މި ސަބަބާހުރެ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު އޮތްކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރުދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.