ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށް އަމާޒުކޮށްގެން "ޒުވާނުންގެ ދިސާ" ގެ ނަމުގައި އައު ޕްރޮގްރާމެއް ފެށުމަށް އިޢުލާންކޮށްފައެވެ.
މި ޕްރޮގްރާމަކީ 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ މިނިސްޓްރީ އޮފް ޔޫތް އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން އެޗްޑީސީން ހިންގާ ޕްރޮގްރާމެކެވެ.
ޒުވާނުންގެ ދުވަހާ ގުޅުވައިގެން ފަށާ މި ޕްރޮގްރާމުގައި 100 ބައިވެރިންނަށް ފުރުޞަތު ދޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮގަސްޓް 26 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ސޯޝަލް މީޑިއާގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިއަދަކީ ޒުވާނުންގެ ދުވަސް ކަމަށްވާތީ، މި ދުވަހާ ގުޅުވައިގެން ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ވަނީ އިފްތިތާޙުކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، އެ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ