ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އަރައިފި

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އަރައިފި

Author
ހުސައިން
12 އޮގަސްޓް 2024 09:40
0

ރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އަރައިފިއެވެ. މިއީ އެތައް މަހެއް ވަންދެން ޑޮލަރުގެ އަގު 18 ރުފިޔާއިން މަތިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެވްރެޖްކޮށް ޑޮލަރުގެ އަގު ހުރީ 18.10 ރުފިޔާއާއި 18.15 ރުފިޔާއާ ދެމެދުގައެވެ.

ނަމަވެސް މިހާރު ޑޮލަރުގެ އަގު 18.20 ރުފިޔާއާއި 18.30 ރުފިޔާއާ ދެމެދުގައި އުޅޭ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މި ކުއްލި އަގު ބޮޑުވުމުގެ ސަބަބު އަދި މުޅިން ސާފުވެފައެއް ނުވެއެވެ.

މި އަހަރު ފެށުނުއިރުވެސް ޑޮލަރުގެ އަގު އުޅުނީ 18 ރުފިޔާއިން މަތީގައެވެ. ނަމަވެސް އޭގެފަހުން އަގު ދަށަށް ގޮސް، އަލުން މަތިވެފައިވެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން 3-4 މަސްދުވަހުގެ ތެރޭގައި މަސައްކަތްކުރާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

ރާއްޖޭގައި ރަސްމީ ބޭންކު ރޭޓުގައި ޑޮލަރުގެ އަގު ހުންނަނީ 15.42 ރުފިޔާގައެވެ. ނަމަވެސް ވިޔަފާރި ބޭންކުތަކުން ދުވާލަކަށް ޑޮލަރު ވިއްކާ އަދަދަށް ލިމިޓް ކަނޑައަޅާފައިވެއެވެ.

ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގުތަކަށްވެސް ވަނީ އޭގެ އަސަރު ކޮށްފައެވެ. އަދި އިންފްލޭޝަން ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.