މޫސުން ގޯސްވުމާ ގުޅިގެން ނުވަ ރަށެއްގައި ފެންބޮޑުވެ ގެއްލުން ވެއްޖެ

މޫސުން ގޯސްވުމާ ގުޅިގެން ނުވަ ރަށެއްގައި ފެންބޮޑުވެ ގެއްލުން ވެއްޖެ

Author
ހުސައިން
12 އޮގަސްޓް 2024 09:11
0

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ނުވަ ރަށެއްގައި ފެންބޮޑުވެ، އެކަމުގެ ރިޕޯޓު ލިބިފައިވެއެވެ.

އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. މި ވިއްސާރައިގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ގާތުން ބަލަމުންދާ ކަމަށާއި، ހަވީރު 6:00 އާ ހަމައަށް ނުވަ ރަށަކުން ވައިގަދަވެ ފެންބޮޑުވުމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޢާއިލާއެއް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ އަސަރު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ސ. މަރަދޫ، ސ. ފޭދޫ، ސ. ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި ސިޓީ، ހއ. ބާރަށް އަދި ހއ. ދިއްދޫ ހިމެނެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓް ދެމިއޮންނާނީ މިރޭ މެންދަމު 1:00 އާ ހަމައަށެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ރައްޔިތުން ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.