ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ 100 ވަނަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ “ރައްކާ” ކެމްޕެއިންގެ ދަށުން 2014 ވަނަ އަަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އިއްޔެ ފުވައްމުލަކު ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދު، އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އަދި ހެޑް އޮފް މާލޭ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން، ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަން ޔުނިޓުގެ މުވައްޒަފުން، ފުވައްމުލަކު ސިޓީ ފުލުހުން، ސްކޫލްތަކުގެ އިސްވެރިން، ޓްރެފިކް މޮނިޓަރުން އަދި އެ ދަރިވަރުންގެ ބެލެނިވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، ހުލްގުހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުމަކީ މުހިންމުކަމެއް ކަމަށާއި، ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން ކަމަށް ވިދާޅުވިއެވެ. އަދި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިވާކަމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ދަމަހައްޓާ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ އޮއިވަރާއި އަންނާނޭ ބަދަލުތަކަށް ރިއާޔަތްނުކޮށް، އެކަށީގެންވާ ޕްލޭންކުރުމަކާ ނުލައި މާލެއާއި ރަށްތަކުގެ މަގުތައް ހެދުމުގެ ފިޔަވަޅުކަމަށް ވިދާޅުވިއެވެ. ބަވަނަވަމުންދާ މިއަދުގެ ތަރައްގީއާއެކު މަގުމަތީގެ ވެހިކަލްތައް ގިނަވެ، ސްޕީޑް ބާރުވެ، މަގުތަކުގެ އަޑުގަދަވެ، ވައި ތަގައްޔަރުވެފައިވާ ކަމަށާއި، ވެހިކަލްތައް ޕާކުކުރާނެ ޖާގަ އިތުރުކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.
މަގުތަކުގެ ގަވާއިދުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ކޮންމެ ހަފުތާއަކުވެސް އެކްސިޑެންޓްތަކުގެ ހިތާމަވެރި އަޑު އަހަމުންދާކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް މާލޭގެ ގިނަ މަގުތައް ހުރީ ދުއްވަން ދަތި، ހިނގާބިނގާވެ އުޅެން ދަތި ހާލުގައިކަމަށާއި، މިކަންކަން ހައްލުކުރުމަށް ހިކުމަތްތެރިކަމާއެކު އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. މަގަކީ އެންމެންގެ ތަނެއް ކަމަށާއި، މަގުމަތި ބޭނުންކުރާ އެންމެންނަށްވެސް އެއީ ރައްކާތެރި ތަނަކަށް މި ޤައުމުގައިވެސް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، އާއިލާތަކަށް ހިތްފަސޭހަ ތަނަކަށް، އުފާވެރި ތަނަކަށް މަގުތައް ވާންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރުރާސްތާ އަދި ދިގުރާސްތާ ޕްލޭންތައް ކުރަންޖެހިފައިވާ ކަމަށެވެ.
ގްރޭޓަރ މާލޭ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި 'މާލެފަހި' ޕްރޮގްރާމު ފަށައިފައިވާ ކަމަށާއި، މަގުތަކުގައި ހިނގާ ގަވާއިދާ ޚިލާފު ކަންކަމާއި އަޚްލާޤީ ގޮތުން ދަށް ކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްތައް ކުރައްވާކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަގުމަތި އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ފެށިގެން އަންނަނީ ފަރުދުންނާ ހިސާބުން ކަމަށާއި، ކޮންމެ ފަރުދަކުވެސް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑުގައި ދުއްވުމާއި، އޯވަރޓޭކް ކުރުމުގައި ސަމާލުކަން ދިނުމާއި، މަގުހުރަސްކުރާ މީހުންނަށް ތަންދިނުމަކީ މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ. އަދި ދުވާރުމަތިން ހިނގަން އާދަކުރުމާއި، ކަފިހުރަސް ބޭނުންކޮށްގެން މަގުހުރަސްކުރުމާއި، ދުއްވާ އެއްޗެއްސަށް ސަމާލުކަން ދީގެން މަގުގައި ހިނގާބިނގާވެ އުޅުމަކީ ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް ފާހަގަކުރެއްވިއެވެ.
މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދޭނީ ކޮންމެ ފަރުދަކުވެސް މިކަންކަމާމެދު ވިސްނައި، އެގޮތަށް ޢަމަލުކޮށްގެން ކަމަށް ވިދާޅުވިއެވެ. ޤާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުމަތި އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ނެގުމަށް އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި، 100 ވަނަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމު ފުވައްމުލަކު ސިޓީގައި ހިންގުމުގެ މަގުސަދު ބަޔާންކުރެއްވިއެވެ. އެއީ ގްރޭޓަރ މާލެ ފިޔަވައި އެއްރަށެއްގައި އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އެއްރަށަކީ ފުވައްމުލަކު ސިޓީ ކަމަށްވުން ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، 1 ޖުލައި 2023 އިން 31 ޖުލައި 2024 އަށް ފުވައްމުލަކު ސިޓީގައި 163 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި، މި އެކްސިޑެންޓްތަކުގައި ދެ މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އަށް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، ދިގުމުއްދަތަކަށް ފަރުވާކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
2023 ވަނަ އަހަރު މި ސިޓީގައި ހިނގާ ޓްރެފިކް އެކްސިޑެންޓްތައް، އޭގެ ކުރީ އަހަރުތަކަށްވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ވިދާޅުވީ އެކްސިޑެންޓްތައް މަދުކުރެވޭނީ ސިޓީގެ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކުން ހެދިފައިވާ ޓްރެފިކް ގަވާއިދުތަކަށް ޢަމަލުކޮށްގެން ކަމަށެވެ. ސްކޫލު ދަރިވަރުންނަށް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމު ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޓްރެފިކް ގަވާއިދުތަކަށް ބޯލަނބާ ޖީލެއް އުފެއްދުން ކަމަށް ވިދާޅުވިއެވެ.
އަދި ދަރިވަރުން ބޮޑެތިވެ އުޅަނދުތައް ދުއްވަން ފެށުމުން، ޓްރެފިކް ފުލުހެއް ފެންނަން ނެތް ކަމުގައި ވިޔަސް، ދަރިވަރުން އުޅަނދު ދުއްވާނީ ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި މަގު ހުރަސްކުރާ ފަރާތްތަކަށް ޖާގަ ދޭނެ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، މަގުމަތީ ހިނގާ އެކްސިޑެންޓްތައް މަދުވެ، އަނިޔާވާ މީހުން މަދުކުރެވޭނީ މި ޕްރޮގްރާމުން ދަސްވި ކަންކަން އަބަދުވެސް ތަންފީޒުކޮށްގެން ކަމަށާއި، މައިންބަފައިންނާއި ޢާއިލާގެ މީހުންނަށާއި އެހެން މީހުންނަށް ދަސްކޮށްދީގެން ކަމަށެވެ.
އަދި އަޑިގުޑަން މަގުތައް އެއްވަރުކޮށް ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް ސަރުކާރުން ހަދަނީ، އޭގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކާއި މަގު ބޭނުންކުރާ އުޅަނދުތައް ދުއްވަން ފަސޭހަކުރަން ކަމަށާއި، އެއްގޮތަކަށްވެސް ރޭސްޖަހަން ނޫންކަމަށް ވިދާޅުވިއެވެ. ބަލާނުލާ ބާރު ސްޕީޑުގައި ދުއްވާ ދުއްވުން ހުއްޓިގެން ނޫނީ އެ މަގުތައް ދުއްވާ ފަރާތްތަކަށް ސަލާމަތްތެރިކަމެއް ނެތްކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ގަވާއިދާ ޚިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅޭ ކަމަށާއި، އުޅަނދުތައް ޓޯވްކޮށް، އެކްސިޑެންޓްވާ އުޅަނދުތަކުގެ މައްސަލަ ބަލައި، އެ އުޅަނދުތަކަށް ބަދަލު ހޯދައިދެވޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެކްސިޑެންޓްތަކުގައި މަރުވާ މީހުން އަނބުރާ ގެނެވޭނެ ގޮތެއް ނޯންނަ ކަމަށް ފާހަގަކުރެއްވިއެވެ.
ބޮޑެތި އަނިޔާތައްވާ މީހުން ނުކުޅެދުންތެރިކަމާއެކު އުމުރުގެ ބާކީ ބައި ހޭދަކުރަންޖެހިފައިވާއިރު، އެ ފަރާތްތަކުގެ އާއިލާތައް ތަހައްމަލުކުރަމުންދާ ވޭނަށް ލުއިކަމެއް ހޯދައިނުދެވޭނެ ކަމަށް ވިދާޅުވިއެވެ. ކޮންމެ މީހަކުވެސް ވެހިކަލް ދުއްވާއިރު މިކަންކަމާމެދު ވިސްނާލަންވީ ކަމަށާއި، ކަމެއް ބަދަލުކުރަން ބޭނުންވާނަމަ ފުރަތަމަ އެ ބަދަލެއް ގެންނަންވީ އަމިއްލަ ނަފްސަށް ކަމަށްވެސް ވިދާޅުވިއެވެ.

ފުވައްމުލަކު ސްކޫލުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މައުލޫމާތު ދީފައި ވެއެވެ. އަދި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ކުރަންޖެހޭ ކަންކަމާއި ރިވެތި ބަހުން މުއާމަލާތު ކުރުމަށް ދަސްކޮށްދިނުމަށް ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި އޮގަސްޓްމަހު 3 އިން 8 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، ފުވައްމުލަކު ސްކޫލުގެ 32 ދަރިވަރުންނާއި ހާފިޒް އަހްމަދު ސްކޫލުގެ 34 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 27 ދަރިވަރުންނާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ 31 ދަރިވަރުން ހިމެނޭހެން ޖުމުލަ 124 ދަރިވަރުން ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ