ފެނަކައިގެ އިސް މަޤާމުތަކުގައި ތިބި ތިން ބޭފުޅަކު ވަޒީފާއިން ވަކިކޮށްފިއެވެ. މި ތިން ބޭފުޅުންނަކީ ފެނަކައިގެ ޗެއަރމަން އަޙްމަދު ޝަހީރު، އެގްޒެކެޓިވް ޑިރެކްޓަރު އަދި ބޯޑު މެންބަރު އިބްރާހީމް ނާއިފް، އަދި ޑިރެކްޓަރު އަޙްމަދު އީހާބެވެ.
މި ބޭފުޅުންގެ ތެރެއިން އަޙްމަދު ޝަހީރަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އަދި އިބްރާހީމް ނާއިފަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމްގެ ގާތް ތިމާގެ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
މި ތިން ބޭފުޅުން މަޤާމުން ވަކިކުރެއްވި ވަގުތަކީ ފެނަކަ ކުންފުނި އިޞްލާޙު ކުރުމުގެ މަސައްކަތް ކުރިއަށްދަމުންދާ ދަނޑިވަޅެކެވެ. މީގެ ތެރޭގައި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ އިޞްލާޙު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ބައްދަލުވުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކުރެވިފައެވެ.
ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މިވަގުތު ހުންނެވީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޛު މުޙައްމަދު ރަޝީދު ކަން ފާހަގަކޮށްލަމެވެ.
ފެނަކަ ކުންފުންޏަކީ ކުރީ ސަރުކާރުގައި ކޮރަޕްޝަން އެންމެ ބޮޑަށް ހިންގާފައިވާ އެއް ކުންފުންޏެވެ.