ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް ތަޖުރިބާކާރު ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ޢައްޔަންކޮށްފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާދަމް ހަލީމް މަޖިލިސް ރައީސްގެ ގެކޮޅުގެ ޗީއޮފްސްޓާފްގެ މަގާމަާް ޢައްޔަންކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންކަމުގައެވެ. އާދަމް ހަލީމް މި މަޤާމަށް ޢައްޔަންކުރެވުނީ ފާއިތުވި މަހުގެ 28 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ ލ. އަތޮޅުގެ މުންޑޫއަށް އުފަންވެވަޑައިގެންނެވި އާދަމް ހަލީމަކީ 20 އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
އާދަމް ހަލީމަކީ ނޫސްވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމާއި ރަން ގަލަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ޚާއްޞަކޮށްފައިވާ ރަސްމީ ގެކޮޅު މުރައިދޫގެއަށް މިހާރުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ބަދަލުވެވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ބަދަލުވުމުގެ ކުރިން މުރައިދޫގެ ވަނީ މަރާމާތުކުރެވިފައެވެ.