ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން ވަނީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އަދި މައިގަނޑު އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ ޚާލިދާ ޒިޔާ މިނިވަން ކޮށްފައިވަނީ ވާދަވެރިޔާ ޝެއިޚް ހަސީނާ ވެރިކަން ވެއްޓީ ޤައުމުން ފިލައިގެން ދިޔަތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ހޯމަ ދުވަހު ރައީސްގެ ނޫސްވެރިންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަހާބުއްދީންގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު ބައްދަލުވުމެއްގައި "ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއަރޕަރސަން ބޭގަމް ޚާލިދާ ޒިޔާ ވަގުތުން ދޫކޮށްލުމަށް އިއްތިފާޤުން ނިންމާފައިވާ" ކަމަށެވެ.
މި ބައްދަލުވުމުގައި އާމީ ޗީފް ޖެނެރަލް ވަކަރް-އުޒް-ޒަމާންގެ އިތުރުން ނޭވީ އަދި އެއަރ ފޯސްގެ އެންމެ އިސްވެރިންނާއި ބީއެންޕީ އާއި ޖަމާޢަތެ އިސްލާމީ ޕާޓީ ހިމެނޭ ގޮތަށް އެކި އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
78 އަހަރުގެ ޒިޔާއަކީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ހާލަތު ދަށްވެފައިވުމާއެކު، 2018 ވަނަ އަހަރު ކޮރަޕްޝަންގެ ދަޢުވާއެއްގައި 17 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރެވުނު ފަހުން ހޮސްޕިޓަލުގައި ބަންދުކުރެވިފައި ހުންނެވީއެވެ.
ހަސީނާއާ ދެމެދު ދިގު މުއްދަތެއްގެ ވާދަވެރިކަމެއް އޮންނަ ޒިޔާއަށް ތުހުމަތު ކުރެވިފައިވަނީ ޔަތީމްޚާނާއެއްގެ ޓްރަސްޓަކަށް ހަދިޔާކުރެވުނު 250،000 ޑޮލަރު އަމިއްލަ ބޭނުމަށް ބޭނުންކޮށްގެން ބާރުގެ ނަހަމަ ބޭނުންކުރި ކަމަށެވެ.
ބީއެންޕީން ބުނެފައިވަނީ މި މައްސަލަތަކަކީ ޒިޔާ ސިޔާސީ މައިދާނުން ދުރުކުރުމަށް ހަދާފައިވާ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް މި ތުހުމަތުތައް ހަސީނާގެ ސަރުކާރުން ދޮގުކޮށްފައިވެއެވެ.