ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދެ ކަނޑު އުޅަނދެއް އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.
މި ޚިދުމަތް ފެށުމަށްޓަކާ ރާއްޖެ ގެނައި ޕައިލެޓް ބޯޓާއި ޓާގް ބޯޓު ކުޅުދުއްފުށި ޕޯޓަށް ވަނުމާއެކު މި ދެ އުޅަނދަށްވެސް ވޯޓަރ ސެލިއުޓްއެއް ވަނީ އަރުވާފައެވެ.
ކުޅުދުއްފުށި ބަނދަރުން މި ދެ އުޅަނދަށްވެސް މަރުހަބާ ކިޔާފައިވަނީ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމްއާއި އެކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.
މި ޚިދުމަތް ފެށުމާއި ގުޅޭގޮތުން އެމްޕީއެލްގެ ސީއީޯ ވަޖީހް ވިދާޅުވީ، ބަންކަރިންގެ ޚިދުމަތަކީ ރާއްޖޭގެ އިގްތިސާދާ ގުޅުންހުރި ޚިދުމަތަކަށް ވާތީ އެމްޕީއެލްއިން ދެކެނީ އެޚިދުމަތް ފޯރުކޮށްދިނުމަކީ ގައުމީ ޚިދުމަތެއް ކަމުގައެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ވާންޖެހޭ މުހިންމު ތައްޔާރީތައް ވަމުން ދަނީ އެމްޕީއެލްއިންނެވެ. އަދި މި ސަރަހައްދުގައި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކާ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ ގޮތުގައި އެމްޕީއެމްއިން ގެންދަނީ ޚިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތްވެސް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.
އެމްޕީއެލްއިން ބުނެފައިވަނީ އެ މަސައްކަތް މިމަހުގެ 15ގެ ކުރިން ނިންމާލެވޭނެ ކަމުގައެވެ.
އެމްޕީއެލްއިން ވަނީ ހއ.އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެ ރަށުގެ ކައުންސިލްއާއެކު މިހާރު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.