އަންހެނުން ބާރުވެރިކުރުމަށް ތަޢާރަފުކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ހުރިހާ އަތޮޅަކުން އަންހެނުން ކުރިމަތިލައި، ޖުމްލަ 216 އެޕްލިކޭޝަން ހުށައަޅާފައިވާކަމަށާއި، ލޯނުގެ 25 އިންސައްތަ ޚާއްސަ ކުރެވިފައިވަނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އިޖުތިމާޢީ އަދި ޢާއިލީ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ހިއްސާކުރެއްވުމުގެ ގޮތުން ދެއްވެވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ކަނބަލުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުކަމަށްވާއިރު، މިއީ އަންހެނުންނަކީ ފުދުންތެރި، އަމިއްލަ މަސައްކަތުން އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެވެސް މަސައްކަތުގައި އުޅުނު ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އާމްދަނީ ލިބޭ މަސައްކަތެއްކޮށް، ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވުމަކީ ދިވެހި އަންހެނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ޒަމާން ބަދަލުވެ، މިހާރު ގޭތެރެ ތިބެގެން ކުރާ ތަފާތު މަސައްކަތްތައްވެސް ކަނބަލުން ކުރަމުން އަންނަކަން ވަޒީރު ވިދާޅުވިއެވެ.
ކަން މިހެން އޮތުމާއެކު، ގިނަ އަންހެން ބޭފުޅުންގެ ކަންބޮޑުވުމަކަމަށްވެފައި އޮތީ ލޯނު ނަގާއިރު ބޭންކުގައި ކޮލަޓެރެލް އެއް ބަހައްޓަން ޖެހުމެވެ. މިހެންކަމުން އެސް.ޑީ.އެފް.ސީ އިން ދޫކުރާ މި 100 މިލިއަން ރުފިޔާ ލޯން ސްކީމު ފަރުމާކުރެވިފައިވަނީ އެއްވެސް ކޮލަޓަރަލްއަކާއި ނުލާ، ފަސޭހަކަމާއެކު ލޯނު ލިބޭނެގޮތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މި މަސައްކަތުގައިވެސް އިންކްލޫސިވް ސޮސައިޓީއެއް ބިނާކުރުމަށް ބާރު އެޅުމުގެ ނިޔަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ލޯނު ސްކީމުގެ 25 އިންސައްތަ ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލޯން ލިބޭ ހިސާބުން ފައިސާ ގެންގުޅޭނެ ގޮތް ކިޔައިދީ،ގާތުން ބައްލަވާނެކަމަށް އެސް.ޑީ.އެފް.ސީ އިން ވިދާޅުވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.