ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމަށް ތާއީދުކުރާކަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ މެންބަރަކު ހާމަކޮށްފިއެވެ. އެބޭފުޅުން ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ހިންގުން ހަރުދަނާކޮށް އަލުން އިންތިޒާމު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިއީ ޒުވާނުން އިސް ސަފަށް ނެރެންވީ ވަގުތު ކަމަށެވެ.
މީކާއީލަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޝައިމާން އަދި އަކްބަރީ މުޙައްމަދެވެ.
ޝައިމާން ވިދާޅުވެފައިވަނީ މީކާއީލަށް ތާއީދުކުރަން ނިންމީ މިއީ އާ ޖީލެއްގެ ޒުވާނުން ބާރުވެރިކުރުވައި، ޕާޓީ އަލުން ބިނާކުރުމަށް އިސްކަންދޭންވީ ވަގުތު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން އަކްބަރީ ވިދާޅުވެފައިވަނީ އެމްޑީޕީއަށް 2028 ކާމިޔާބު ކުރެވެން އޮތީ ރަނގަޅަށް އިންތިޒާމުކުރެވިފައިވާ އަދި އުސޫލުތަކެއްގެ މަތިން ހިނގާ ޕާޓީއަކަށް ވެގެން ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި ޕާޓީގެ އެއްވެސް ބަޔަކު ބާކީކޮށް އެކަހެރިކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އިންތިޚާބުގެ ކެމްޕޭން މިހާރު ކުރިއަށްދަނީ ވަރަށް ވާދަވެރިކޮށެވެ.
ކޮމެންޓު ފޮނުވާ