ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 15 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 15 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

Author
ހުސެއިން
29 ޖުލައި 2024 04:01
0

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަންއުޅުނު 15.38 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަަނަރ މުޙައްމަދު މަސީޙް ވިދާޅުވީ ، ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު އީކޭ ފްލައިޓް 656ން ރާއްޖެއައި އުމުރުން 44 އަހަރުގެ މީހެއްގެ ފޮށިތަންމަތި ކަސްޓަމްސްއިން ބެލިބެލުމުން ގާނޫނާއި ގަވާއިދާއި ހިލާފް ތަކެތި އެފޮށިން ފެނިފައިވާކަމަށާއި އެ ފޮށިން ފެނުނު ތަކެތީގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނެބިސް އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި  އެ ތަކެތީގެ ބަރުދަނުގައި 15.38 ކިލޯގްރާމްހުރިކަމަށާއި މިތަކެތީގެ މަގުމަތީގެ އަގު ގާތްގަޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށާއި މިއީ މިއަހަރު މިހާތަނަށް ކަސްޓަމްސް އަތުލައިގަނެވުނު މަސްތުވާތަކެތީގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް މުޙައްމަދު އަފްޒަލް ވިދާޅުވީ، މިއޮޕަރޭޝަނުގައި ރާއްޖެ އައި މީހަކީ މެލޭޝިޔާ މީހެއްކަމަށާއި އޭނާ އަތުން ފޭކް ޓިކެޓެއް ފެނިފައިވާކަމަށާއި، އޭނާގެ ޓްރެވަލް ރޫޓް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެމީހާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށްގޮސް ދުބާއީން މާލެއަށްކަމަށާއި އަދި މާލޭގައި މަޑުކުރުމަށްފަހުއެބުރި ގައުމަށް ދާގޮތަށްކަމަށެވެ. އޭގެއިތުރުން، މިއީ ރާއްޖެއަށް އައި މެލޭޝިއާ ޕަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި،  ބަރުދަނުގެ ގޮތުން ބަލާއިރުވެސް މިއީ ކަސްޓަމްސްއިން މިއަހަރު މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ކޭސްކަން ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކާމިޔާބު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަހީދު ވިދާޅުވީ،  މި އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހާއާއި އަތުލައިގަނެފައިވާ ތަކެއްޗާއި ގުޅުންހުރި 41 އަހަރުގެ މެލޭޝިއާ އިތުރު ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އެދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމައްޓަކައި ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން މިމައްސަލައާ ގުޅުންހުރި ހަތަރު ގައުމެއްގެ މީހުން ފާހަގަކުރެވިފައިވާކަމަށާއި މި މައްސަލައިގެ މައުލޫމާތު އެގައުމުތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އަޙްމަދު ވަހީދު ވިދާޅުވީ، މިއަަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 37 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި  އެމައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ކޯޓަށް ނުވަ މައްސަލައެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އަށް މައްސަލާގައި ކުށް ސާބިތުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.