ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފަހުން އިއުލާން ކުރި 4،000 ފްލެޓްގެ 36 ޓަވަރުގެ ތެރެއިން އަންނަ އޮކްޓޯބަރުގެ ނިޔަލަށް ނިމޭނެކަމަށް ލަފާ ކުރެވެނީ އެންމެ 6 ޓަވަރު ކަމުގައި ހައުސިން މިނިސްޓަރ ޑރ. ހައިދަރު ވިދާޅުވެއްޖެއެވެ.
ޑރ. ހައިދަރު މިކަން ހާމަކުރައްވާފައިވަނީ މިއަދު އޮތް ޕެޓިޝަން ކޮމިޓީގައި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމުގެ ތެރެއިން ޝަރުރު ފުރިހަމަވަނީ އެންމެ 825 މީހުންކަމަށް އޭސީސީން ކަނޑައަޅާފަ އޮތް ނަމަވެސް، މި ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ދެން ކަނޑައަޅާނީ ގެދޮރުވެރިޔާގެ ސްކީމަށް އެޕްލިކޭޝަން ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ކަމުގައެވެ.
އަދި ޑރ. ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ދޭން ނިންމި 4،000 ފްލެޓްގެ ތެރެއިން އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ނިމޭނަކަމަށް ލަފާކުރެވެނީ އެންމެ 6 ޓަވަރު ކަމަށެވެ. 4،000 ފެލްޓްތައް އެކުލެވިގެންވަނީ 36 ޓަވަރުގެ މައްޗަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ އޭސިސީން އިވޭލުއޭޓް ކުރީ 4048 ފްލެޓްތަކުގެ އެޕްލިކޭޝަންތައް ކަމަށާއި އެހެންނަމަވެސް 4،000 ފްލެޓް ދެން މިނިސްޓްރީން ހަމަކުރާނީ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތައް އިވޭލުއޭޓްކޮށް އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމުގައެވެ.
ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހައިދަރު ވިދާޅުވީ، މިހާތަނަށް ހިންގާފަހުރި ސްކީމްތަކުގައި ޝަރުތު ހަމަވާނެކަމަށް ރައީސް ޔާމިންގެ ސަރުކާރުން ނިންމާފައިވާ އެހެންނަމަވެސް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށް، މިސަރުކާރުން ފަށާ ހައިސިން ސްކީމްތަކުން ފުރުސަތު ލިބޭނެކަމުގައެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އަދި އެއްވެސް ހައުސިން ސްކީމެއް ފަށާފައި ނުވާކަމަށާއި، އެފަރާތްތަަކަށް ފްލެޓް ލިބިގެންދާނީ މިސަރުކާރުން ފަށާ ސްކީމްތަކުގެ ތެރެއިން ކަމުގައެވެ.
މިސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ދޭން ނިންމާފައިވާ 4،000 ފްލެޓް އަޅަމުންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން %60 މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.