ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާތީ އެކަމާމެދު މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހަޅާފައިވާ ޤަރާރަށް، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދާ، "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ ގަރާރަށް، އާންމުންގެ ހިޔާލު ހޯދުމަށް، 25 ޖުލައި އިން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެހެންވެ، މި ގަރާރަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، އަންނަ އޮގަސްޓު މަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެއިލް އެޑްރެސް، [email protected]އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދި ދަންނަވާ ކަމަށެވެ.
ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.
މިހާރުގެ ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މަޖިލިހުގެ ހަތަރު އިންތިހާބެއް މިހާތަނަށް ބާއްވާފައި ވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 77 މެމްބަރުން ކަމަށް ވިޔަސް، 2014 ވަނަ އަހަރުގެ އިންތިހާބުގައި އެ އަދަދު 85 އަށް 2019 ވަނަ އަހަރުގެ އިންތިހާބުގައި 87 އަށް އިތުރުވިއެވެ. މިހާރު އޮތް މަޖިލީހުގައި 93 މެމްބަރުން ތިއްބަވައެވެ.
މިކަމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަށް ބަދަލުގެންނަންޖެހޭކަމަށާއި މިހާރު ގާނޫނު އޮތްގޮތުން މެމްބަރުންގެ އަދަދު ވަރަށް ބޮޑުތަނުން މަތިވަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ