ފެނަކައިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތަކުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް އަންގައިފި މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު އެކުންފުންޏަށް އަންގައިފިއެވެ.
މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފެނަކަ ކޯޕަރޭޝންއަށް މިގޮތަށް އްނަގާފައިވަނީ ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އަދި އެ ކުދިން ސަލާމަތްކުރަން އުޅުނު މީހާ މަރުވި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތްކަމަށް ނިންމާ އެ ކުންފުނިން 50،000ރ. އިން ޖޫރިމަނާ ކުރިކަން އަންގާ ނެރުނު ބަޔާނުގައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގި ގޮތް ބެލިއިރު، ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރުކޮށްފައި ނުވާތީކަން ފާހަގަވެފައިވާ ކަމުގައެވެ. އަދި ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބަޔާނުުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ މި ހާދިސާ ހިނގީ މަގުބައްތި ތަކުގެ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވެފައި ވާތީ ކަމުގައެވެ. ޖޫރިމަނާގެ 50،000ރ. ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ފެނަކައަށް ވަނީ އަންގާފަ އެވެ.
އަދި މީގެ އިތުރުން މިފަދަ އިތުރު ހާދިސާތަކެއް ހިނގައިދިޔަ ނުދިނުމަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި މި މުއްދަތުގައި ހަރުނުކުރެއްވިނަމަ، އެ ހިދުމަތް މެދުކަނޑާލުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.
ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ ނިޔާވި ހާދިސާއާއި ގުޅިގެން، އެ މައްސަލާގައި އިހުމާލުވި ފަތާތްތަކާމެދު ފިޔަވޅު އަޅާނެކަމުގައި ފުލުހުންގެ މުވައްސަސާއިންވެސް މީގެ ކުރިން ބުނެފައި ވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އޭރު ވިދާޅުވެފައިވަނީ، އެ މައްސަލަ ބަލައި ނުނިމޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކަށް ފުލުހުންވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ފާއިތުވި ޖޫންމަހުގެ 8 ވަނަ ދުވަހުއެވެ. އެ ޒުވާނާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.
އިތުރު ފަރުވާއަށް 18 އަހަރުގެ ޒުވާނާ މާލެ ގެނައިއިރުވެސް ހާލު ސީރިސްވެ އޮތީ ވެންޓިލޭޓަރުގައެވެ. ޒުވާނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފާއިތުވި މޭމަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން އެރަށު ހޮސްޕިޓަލަށް ގެންދެވުނީ 8 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނެކެވެ. މިކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު 12 އަހަރުގެ އަންހެން ކުއްޖަކުވެސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެންނަމަވެސް އެ ކުއްޖާއާއި 8 އަަހަރުގެ ކުއްޖާ ފަހުންވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މިހާދިސާގައި ފުރަތަމަ ކަރަންޓުގައި ޖެހުނީ، މަގުމަތީގައި ކުޅެން އުޅުނު 8 އަހަރުގެ ކުއްޖާ މަގުމަތީ ފެންގަޑަށް އެރުމުންނެވެ. އަދި އެކުއްޖާ ސަލާމަތްކުރުމަށް ފެންގަޑަށް އެރުނު 18 އަހަރުގެ ކުއްޖާވެސް ކަރަންޓުގައި ޖެހުނީއެވެ.
ފެންގަޑަށް ކަރަންޓު ދޫވެފައި ހުރީ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެގެންނެވެ.