ޗައިނާގެ ކިބައިން މާލީ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ

ޗައިނާގެ ކިބައިން މާލީ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ

ގުޅުންހުރި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާގެ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިއަދު ބެއިޖިންގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރ ވަންގް ވަނީ މިނިސްޓަރ ޒަމީރަށް ޗައިނާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ދެޤައުމުގެ ތާރީޚީ އަދި އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ބެއިޖިންގއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ އަރިހުން ހޫނު މަރުޙަބާއެއް ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ފަރާތުން ރަސްމީކޮށް ދެ ސިޓީފުޅެއް އަރުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެއްބަސް ވެފައިވާ، ވަން-ޗައިނާ އުޞޫލާއި، ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާރޓްނަރޝިޕަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޓަކައި މުހިންމު ގިނަ މައުޟޫޢުތަކެއް ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި 50 އަހަރަށްވުރެ ގިނަ ދުވަހު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) މެދުވެރިކޮށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވަޒީރާ ޙިއްޞާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އިޢްލާން ކުރެއްވި ފިސްކަލް އިޞްލާޙުތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިޤްތިޞާދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިޞްލާޙީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ އެއްބާރުލުން ދިނުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިގެންނެވެ. މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބާއި، ޗައިނާގައި ހުންނަވާ ދިވެހި ސަރުކާރުގެ ސަފީރު ފަޒީލް ނަޖީބުއާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމީ މަޝްވަރާތަކަށްފަހު މިނިސްޓަރ ޒަމީރާއި ރަސްމީ ވަފުދުގެ ޝަރަފުގައި މިނިސްޓަރ ވަންގް ޔީ ދެއްވި ރިސެޕްޝަނެއް ވަނީ ބާއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ