މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސް އަށް ލަފާއެރުވުމުގެ މައްސަލަ، މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ކޮމިޓީއަށް އެންމެ ފަހުން އަލީ ހާޝިމް ފޮނުއްވި ސިޓީގައި، ލިޔުމުން ޖަވާބު އެރުއްވިދާނެކަމަށް ވިދާޅުވިނަމަވެސް، އަލީ ހާޝިމް ކޮމިޓީއަށް ހާޒިވެވަޑައިގަންނަވާފައި ނުވާތީ، ލިޔުމުން ޖަވާބުދާރީ ވުމަށް، އިތުރު ފުރުސަތު ނޭރުވުމަށް ކޮމިޓީން ނިންމާފައިވާކަމަށް މާލިއްޔަތު ކޮމިޓިގެ މުގައްރިރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އަލީ ހާޝިމް މަގާމުން ވަކިކުރުމާއި ގުޅޭގޮތުން މާލިއްޔަރު ކޮމިޓީން މިއަދު މަޖިލިހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުންނެވެ.
މިއަދުވަނީ، އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ނިންމާ، ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މިހާރު މެމްބަރުންދަނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. މަޖިލިހުގައި ކުރެވެމުންދާ ބަހުސްގައި، އަލީ ހާޝިމް ވަކިކުރުމަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދަވާއިރު، ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ އަލި ހާޝީމް މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ހިމަނާފައެވެ. ރިޕޯޓަށް ބަހުސްކުރުމަށްފަހު މައްސަލައިގައި ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.
ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.
ބުދަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފަ އެވެ.
މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފަ އެވެ.