ފައިނޭންސް ފޯރަމް 2024 މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު (މާދަމާ) ކުރުނބާ މޯލްޑިވްސްގައެވެ.
މިއަހަރު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމުގައި ޕެންޝަން ސްކީމް ދެމެހެއްޓެނިވި ގޮތުގައި ހިންގުމާއި އެނިޒާމުގެ ފައިދާތަކާއި ގުޅޭ މަޝްވަރާތަކެއް ކުރަން ހަމަޖެހިފައިވާކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
މި އަހަރުގެ ފައިނޭންސް ފޯރަމް ޝިއާރަކީ "ސަސްޓެއިނެބްލް ޕެންޝަން ސިސްޓަމް" އެވެ.
މި ފޯރަމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ވޯލްޑް ބޭންކްގެ ލީޑް އިކޮނިމިސްޓް، ރޮބަޓް ޕެލާޝިއަސް ވެސް ހިމެނިވަޑައިގަނެއެވެ.
ޕެންޝަން އޮފީހުން ބުނީ މިއީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ފޯރަމެއް ކަމަށެވެ.
މި ފޯރަމަކީ 2012 އިން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ. ކޮވިޑާއި ގުޅިގެން 2020 އަދި 2021 ގައި މި ފޯރަމް މެދުކަނޑާލާފައިވާއިރު މި އަހަރުގެ ފައިނޭންސް ފޯރަމަކީ މިހާތަނަށް ބާއްވާ 11 ވަނަ ފޯރަމެވެ.