އޯލެވެލް އިމްތިހާނުގައި 3 މާއްދާއިން ފާސްވިޔަސް ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފިއެވެ.
މީގެ ކުރީގައި ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން ފުރުސަތު ދެނީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާ އާއި އިތުރު އެއް މާއްދާއަކާ އެކު، ޖުމުލަ ފަސް މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ވަނީ ގްރޭޑް 11 އަދި 12 ގައި ކިޔެވުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން އަންގައިފަ އެވެ.
އޭލެވެލަށް ކިޔެވުމުގެ ކްރައިޓީރިއާ އަށް ގެނައި ބަދަލުތައް؛
1. އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އެ އިމްތިހާނުގެ ކޮންމެވެސް އެއް ސްޓްރީމަކުން [ސައިންސް ނުވަތަ ބިޒްނަސް] މަދުވެގެން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާ އިން ދަށްވެގެން ސީ ފާހެއް ހޯދުން.
2. އޯލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
3. އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން [އައިއީޕީ] އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
4. ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
އާ އުސޫލުގައި ވާގޮތުން މިއިން ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަވުމުން އޭ ލެވަލްގައި ކިޔަވަން ޖާގަ ލިބޭނެއެވެ.
އެންމެ ފަހުން ބޭއްވި އޭ ލެވެލް އިމްތިހާނުގައި، ރާއްޖޭގެ އެކި ސަރަހައްދުން 45 ސެންޓަރެއްގައި 3،268 ދަރިވަރުން އިމްތިހާނު ހަދާފައި ވެއެވެ. އޭގެ ތެރޭގައި މާލޭގެ ތިން ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއް ހިމެނެއެވެ.