ބޯޓު ބަނުމުގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިޔާދު މިހެން ވިދާޅުވެފައި ވަނީ ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްޓީސީސީގެ އުޅަނދުތައް މަރާމާތުކުރާ ޔާޑުގެ ބޮޑު ބައެއް ނިމިފައިވާކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ޔާޑުގެ މަސައްކަތް ނިމުމުން ބޯޓު ބަނުމުގެ ހިދުމަތް ފެށުން ކަމަށެވެ. އަދި އަންނަ އަހަރު އަހަރީ އާންމު ޖަލްސާ ބާއްވާއިރު ބޯޓު ބަންނަ ކުންފުންޏަކަށް ވުމަކީ އުންމީދެއް ކަމަށް ޒިޔާދު ފާހަގަކުރެއްވި އެވެ.
އެމްޓީސީސީގެ ސީއީއޯ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކުންފުންޏަށް ފައިދާވާހެން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގަ އެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނީގެ ބޯޓު ޔާޑުގެ ނަން "އެމްޓީސީސީގެ ބޯޓު ޔާޑް" އިން "އެމްޓީސީސީ ޝިޕް ޔާޑް" އަށް ބަދަލުކޮށްފަ އެވެ.
އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ ބޯޓު ބަނުމުގެ ހިދުމަތް ފަށަން ފަންނީ މާހިރުންގެ އެހީގައި ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވާ ކަމަށެވެ. އެމްޓީސީސީގެ ބޯޓު ޔާޑުން 222 އުޅަނދަކަށް ވަނީ ހިދުމަތްދީފަ އެވެ. އެތަނުގެ ކެޕޭސިޓީ 2،000 ޓަނުގެ ބޯޓުތަކަށް ހިދުމަތް ދެވޭ ވަރަށް އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.