އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ކާނާ ވިހަވުމުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު އަދާކޮށްފިއެވެ.
މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ.
އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދީފައިވާއިރު، އައިސީޔޫގައި ފަރުވާދެމުންދާ 2 ދަރިވަރުން ފިޔަވައި އެހެން ހުރިހާ ދަރިވަރުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިކަމަށް ފުލުހުން ބުނެއެވެ. އައިސީޔޫގައި މިހާރު ފަރުވާދެމުންދާ 2 ދަރިވަރުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގި ގޮތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ބަލަމުން އަންނައިރު، މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި، އައްޑޫ ސިޓީގައި ގާއިމުވެފައިވާ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހާއްސަކޮށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުން، ސަދަން ރީޖަންގެ ސިފައިން، ދާޚިލީ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލު، ރެޑް ކްރެސެންޓު، ޕަބްލިކް ހެލްތު، ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ފާހަގަކުރަމެވެ." ފުލުހުން ބުނެފަވެއެވެ.
ކޮމެންޓު ފޮނުވާ