ޑްރަގް ޑީލްތަކުގައި އަގު ހަމަވަންދެން އެކަމުގައި ޝާމިލުވާ ދިވެހިން ހައްޔަރުކޮށްފައި އެބަހުރި: ކޮމިޝަނަރ

ޑްރަގް ޑީލްތަކުގައި އަގު ހަމަވަންދެން އެކަމުގައި ޝާމިލުވާ ދިވެހިން ހައްޔަރުކޮށްފައި އެބަހުރި: ކޮމިޝަނަރ

Author
މުޙައްމަދު ޖިމީ
09 އޮކްޓޯބަރ 2020 08:59
0

މަސްތުވާތަކެތި ވިއްކާ މީހުން، އެތަކެތީގެ މުޢާމަލާތް ނިމެންދެން އެކަމުގައި ޝާމިލުވާ ދިވެހިން އެމީހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާކަން ފާހަގަކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ދޫނިދޫގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެއްޗާއި ގުޅޭ ބޮޑެތި މުޢާމަލާތްތައް ހިންގުމަށްޓައި، އެތަކެތި ރާއްޖެ ގެނެސް އޭގެ އަގު ހަމަކޮށް މުޢާމަލާތްތައް ނިމެންދެން އެތަކެތި ވިއްކާ ފަރާތުގެ ބެލުމުގެދަށުގައި ދިވެހިން ބައިތިއްބާފައި ތިބޭކަން ފާހަނގަ ކުރެވިފައިވާކަމަށެވެ.

ސީޕީ ވިދާޅުވީ، ފަހަކަށް އައިސް ހިނގާފައިވާ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އޭގެ އަގު ދިވެހިން އަދާކުރަންޖެހޭކަމަށެވެ. އެގޮތުން އެތަކެތި ބޭރުން ރާއްޖެ ގެނެސް ވިއްކާ އޭގެ މުއާމަލާތްތައް ނިމި އޭގެ ހަމަ އަގު ލިބެންދެން އެޤައުމެއްގައި ނުވަތަ މަސްތުވާތަކެތި ވިއްކި މީހުންގެ ބެލުމުގެ ދަށުގައި ދިވެހިން ހައްޔަރުގައި ބައިތިއްބާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ، މިގޮތަށް ބައިތިއްބާއިރު ޖިސްމާނި ބޮޑެތި އަނިޔާއާއި އެމީހުން ކުރިމަތިލާން ޖެހޭކަމަށެވެ. އަދިބައެއް ފަހަރު ފުރާނަންވެސް އެކަމުގެ އަގު އަދާކުރަންޖެހޭކަމެވެ. އެފަދަ ޙާދިސާތަކުގެ ފޮޓޯއާއި ވީޑިއޯވެސް ފުލުހުންގެ އަތުގައި އެބަހުރިކަމަށާއި، އެންމެ ފަހުން އައްޑޫގައި ހިނގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައިވެސް އެފަދަ ކަމެއް ހިނގާފައިވާކަމަށް ވިދާޅުވިއެވެ. އެމައްސަލާގައިވެސް ދިވެއްސެއް އެމަސްތުވާތަކެތި ވިއްކި މީހުންގެ ބެލުމުގެ ދަށުގައި ހުރިކަމަށް ޙަމީދު ވިދާޅުވިއެވެ.

ކޮންމެ ޑީލެއްގައިވެސް ދިވެއްސަކު ހުރޭ ކޮސްޓެއްގެ ގޮތުގައި. މިގަންނަ ފަރާތުން އެބަޖެހޭ މުޅި ޓްރާންސްސެކްޝަން ނިމެންދެން މިނވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ބަހައްޓަން. ފާއިތުވި ބޮޑެތި އޮޕަރޭޝަންތަކުގައި އެކަން ހިނގާފައިވާކަން އެނގެން އެބަހުރި. ފޮޓޯ އަދި ވީޑިއޯ އެބަހުރި އެމީހުންނާމެދު ކަންތައް ކުރެވޭގޮތް."

ސީޕީ ޙަމީދު ވިދާޅުވީ އެންމެ ފަހުން އައްޑޫ ސިޓީން އަލުގައިގަތް 100 ކިލޯއެއްހާ މަސްތުވާތަކެތީގެ އަގު 150 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އައްޑޫ ސިޓީގައި ހިންގި ޚާއްޞާ އޮޕަރޭޝަންގައި، އެ މަސްތުވާތަކެތި އެތެރެކުރިަކމުގެ ތުހުމަތުގައި އެކަމުގައި އެންމެ އިސްކޮށް އުޅުނު ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، (އަބުޗާ) 33، އާއި ސ. ހިތަދޫ ކޯޅި މުހައްމަދު ޔާމިން ނަސީރު، 23، ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިތުރު މީހުންގެ ތެރެއިން މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އާއި އިތުރު ހަތް މީހަކު މިއަދު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.