އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް އަމާޒުކޮށްގެން ށ. އަތޮޅުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި މަހުގެ 16-22 އަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ މުއައްސަސާތަކުން އެއްބާރުލުން ލިބެމުން އަންނަ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެފައިވެއެވެ.
މި ތަމްރީނު ފަރުމާކޮށްފައި ވަނީ ށ. އަތޮޅުގައި އިބަމައިގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވާ ހަރަކާތްތައް ހިމަނައިގެންނެވެ.
އެގޮތުން ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭ ގޮތުން ވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށް ދެވޭނެއެވެ.
މީގެ އިތުރުން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތާއި، ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ތަމްރީނު މެދުވެރިކޮށް ބައިވެރިންނަށް ފޯރުކޮށް ދޭނެއެވެ.
ކޮމެންޓު ފޮނުވާ