2022 ވަނަ އަހަރު ޑިސެމްބަރު މަހު ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރާލާފައިވާ ކަމަށާއި އެކަން ކުރީ އޭނާގެ އަތުގައި ހުރި ފައިސާތަކުގެ ބޭނުމުގައި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
އޭނާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްއެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ލިޓަން މޫދަށް ވައްޓާލައިގެން އޭނާ މަރާލި ކަމަށް ބުނެ އެވެ. ލިޓަންގެ ހަށިގަނޑު މިހާތަނަށްވެސް ފެނިފައެއް ނުވެ އެވެ. މިއީ ހަށިގަނޑު ނުފެންނަނީސް އެ މީހާ މަރާލި ކަމަށް ބުނެ ރާއްޖޭގައި މަރުގެ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ.
ނާޒިމްގެ މައްޗަށް ކުރާ ދައުވާ އިއްވަމުން ދައުލަތުން ވިދާޅުވެފައިވަނީ އޭނާ މަރާލާފައިވަނީ އޭނާ ބޯޓުގައި ހުއްޓާ މޫދަށް ވައްޓާލައިގެން ކަމުގައެވެ. އަދި އޭނާ ވައްޓާލާފައިވަނީ ކ. ގަލުފަޅު ކިޔާ ސަރަހައްދުން ކަމަށާއި، ނިޒާމު އެ އަމަލު ހިންގާފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވެއެވެ.
ނިޒާމަށް ވަކީލަކު ހަމަޖައްސާދީފައިވަނީ ދައުލަތުގެ ޚަރަދުގައެވެ. އޭނާގެ ވަކީލް ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި އަދި ލިޔުންތައް ލިބުމުން ދައުވާއަށް ޖަވާބުދާރީވާނެ ކަމަށެވެ.
ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން މޮހައްމަދު ލިޓޮންއަށް ވީނުވީއެއް ވަނީ ގެއްލިފައެވެ. އެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމްގެ މައްޗަށް 3 ދަޢުވާތައް ކުރުމަށް 02 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވެއެވެ.
ނިޒާމްގެ މައްޗަށް އުފުލި ދައުވާތައް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާ.
– އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން / ޤިޞާޞްއާއި ދިޔަ
2. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.
– އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ.
ދައުލަތުން ބުނެފައިވަނީ މުހައްމަދު ނިޡާމް، މުޙައްމަދު ލިޓޮން މަރާލާފައިވަނީ މުޙައްމަދު ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމުގައެވެ. ނާޒިމް ލިޓޮން މަރާލާފައިވަނީ ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށް ދައުލަތުން ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައެވެ.
ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޡާމް ވަގަށް ނަގާފައިވާކަމަށްވެސް ދައުލަތުން ބުނެއެވެ.
މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި މުޙައްމަދު ނިޡާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީއާއި، ނިޡާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތުކުރެވޭތީ ކަމަށް ވަނީ ބުނެފައެވެ.
ޝަރީއަތުގައި ނިޒާމް ބުނީ ޖަލުގައި މިހާރު ހުންނައިރު ޑޮކްޓަރަށް ދެއްކިޔަސް، ބޭސްތައް ލިބެނީ އެތައް ދުވަހެއް ފަހުން ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ކޯޓަށް ހާޒިރުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވިދާޅުވީ ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ނެތް ނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.