މިފްކޯގެ ސީއީއޯކަމަށް ޝަރުތު ހަމަވާ މީހަކު ކުރިމަތި ނުލި، ކުރީގެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކޮށްފި

މިފްކޯގެ ސީއީއޯކަމަށް ޝަރުތު ހަމަވާ މީހަކު ކުރިމަތި ނުލި، ކުރީގެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކޮށްފި

Author
ހުސެއިން
16 ޖުލައި 2024 12:39
0

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް) ގެ މަގާމަށް މީހަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ފުރަތަމަ އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ޕީސީބީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ކުރި އިއުލާނު ބާތިލުކުރީ ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ.

މިފްކޯގެ ސީއީއޯކަމަށް ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތި ލާފައި ނުވާއިރު، މިފްކޯގެ ސީއީއޯގެ މަގާމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި އިބްރާހިމް އާތިފް ޝަކޫރު ކުރިމަތިލެއްވިއެވެ.

ޕީސީބީން ޝާއިއުކުރި އިއުލާނުގައި ބުނެފައިވަނީ ހުނަރުވެރި އަދި މަސައްކަތަށް އިސްކަންދޭ މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނެވިކަމަށާއި އީޖާދީ އުފެއްދުންތެރިކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ނުވަތަ މާސްޓާސް ޑިގުރީއެއް ނުވަތަ އެއާ އެއްވަރުގެ އެހެން ސަނަދެއް އޮތުމެވެ. އަދި ސަނަދުގެ އިތުރަށް މަސް ޕްރޮސެސްކުރުމާއި ބޭރުކުރުމާއި މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމާ ގުޅުންހުރި ދާއިރާއެއްގައި މެނޭޖުމެންޓު ފެންވަރުގައި މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިފައިވުމަކީވެސް ޝަރުތެއްކަމަށް ކަނޑައަޅާފައިވެ އެވެ.

ނުވަތަ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލްއަުވާމީ ބޮޑު ނުވަތަ މެދުފަންތީގެ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައި އޮތްނަމަ އެ މަގާމަށް ޝަރުތު ހަމަވާނެއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ ބޭފުޅެއްގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000 ރުފިޔާ) އާއި 12،000 ޑޮލަރު (185،000 ރުފިޔާ)އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.