ޕޯސްޓުން ގެނައި ގިނަ އަދަދެއްގެ ޑްރަގާއެކު, ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ޕޯސްޓުން ގެނައި ގިނަ އަދަދެއްގެ ޑްރަގާއެކު, ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަނެ, ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ތ.ތިމަރަފުށްޓަށް ނިސްބަތްވާ މީހެކެވެ.

މަސްތުވާތަކެތި އެތެެެރެކޮށް ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, އެ ކޯޓުން މިއަދު ވަނީ 30 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި, ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި އެ ފޮށިގަނޑު ބަލައި އައި ފަރާތުގެ ހާޒިރުގައި ކަނޑައި ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައި ވެއެވެ.

ފޮށިގަނޑު ބަލައި އައި ފަރާތުގެ އެހީތެރިކަމާއެކު ހިންގި ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާ ހަވާލުވާން އައީ 30 އަހަރުގެ މީހާ ކަމަށާއި, އެ ދެ މީހުންގެ ދެމެދުގައި ފޮށިގަނޑު ބަލައި އައުމަށް މުއާމަލާތްތަކެއް ކުރެވިފައިވާކަން ކުށުގެ ވެށްޓަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ އޭނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ.

އޭނާގެ ކުޑަކަމުދާ ތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި, އަދި އޭނާގެ ފޯނުގެ މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓުން މަސްތުވާތަކެތި ހުރި ޕެކޭޖުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އޭނާ ގުޅާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *