ދެ އިންތިޚާބު އެކީ ބޭއްވުމުން އެވްރެޖްކޮށް ކޮންމެ އިންތިޚާބަކަށް ކުރާ ޚަރަދުގެ %45 ސަލާމަތް ކުރެވޭނެކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުވާދު ވިދާޅުވީ ، އިންތިޚާބަކަށް އެވްރެޖުކޮށް 120 މިލިއަން ރުފިޔާ ހޭދަވާއިރު ރިޔާސީ އިންތިޚާބުގެ ދެ ބުރާއި މަޖިލިސް އިންތިޚާބު އެއްކޮށް 300 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީ ބޭއްވުމުން މުޅި ޖުމްލަ ކުރަންޖެހޭ ޚަރަދު 150 މިލިއަނަށްވުރެ އިތުރުނުވާނެކަމަށް ފުވާދު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ރަނގަޅު ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ވިސްނާއިރު މި ދެ އިންތިޚާބު އެއްވުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް.
ފުވާދު ވިދާޅުވިއެވެ.
އޭގެ އިތުރުން ފުވާދު ތައުފީގު ވިދާޅުވީ ދެ އިންތިޚާބު އެކީ ބޭއްވުމުން ވޯޓުލާމީހުންގެ ނިސްބަތްވެސް އިތުރުވާނެ ކަމަށާއި، ރިޔާސީ އިންތިޚާބުތަކުގައި އެވްރެޖުކޮށް 90 އިންސައްތަ މީހުން އަދި މަޖިލިސް އިންތިޚާބުތަކުގައި އެވްރެޖުކޮށް 80 އިންސައްތަ މީހުން ވޯޓުލާއިރު ދެ އިންތިޚާބުއެކުގައި ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު 90 އިންސައްތައަށްވުރެ އިތުރުވާނެކަމަށް ލަފާކުރެއްވޭކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
"ދެ އިންތިޚާބު އެއްކޮށްލައިފިއްޔާ 90 ޕަސެންޓަށްވުރެ މައްޗަށް ދާނެ ސްޓެޓިސްޓިކަލް ގޮތުން ބަލާއިރު. އޭރުން ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއަށް އިތުރުވެގެންދާނެ އެ އިންތިޚާބުގައި ވޯޓުނުލައި މަޖިލިސް އިންތިޚާބުގައި ވޯޓުލާމީހުންވެސް.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވިއެވެ.
ދާދިފަހުން ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމުގައެވެ.