ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އިތުރުކޮށް، އާދައިގެ މުވައްޒަފުން ވަކިކުރާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އިތުރުކޮށް، އާދައިގެ މުވައްޒަފުން ވަކިކުރާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Author
ޙަސަން މުޙައްމަދު
09 ޖުލައި 2024 10:49
0

ސަރުކާރު ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އިތުރުކޮށް، އާދައިގެ މުވައްޒަފުން ވަކިކުރާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

އެމްޑީޕިން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލާގައި ގޮވާލާފައިވަނީ ކުންފުނިތަކުން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަނބުރާ އިއާދަކުރުމަށެވެ.

މި ކުއްލި މައްސަލަ ހެށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ. މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ތާއީދު ކުރީ އެންމެ 12 މެންބަރުންނެވެ. މައްސަލަ ބޭރު ކޮށްލާފައިވަނީ ހާޒިރުވެ ތިއްބެވި 70 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓާއެކު އެވެ.

މި ކުއްލި މައްސަލާގައި މައުރޫފް ވިދާޅުވީ، ދައުލަތުގެ ބަޖެޓު ފައިނޭންސްކުރުމަށް ބޭނުންވާ ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ރިކަރަންޓް ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ސިޔާސީ މަގާމުތައް މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި ކަމަށާއި، ނަމަވެސް ސިޔާސީ މަގާމުތައް ހިފަހައްޓާނެ ކަމަށް ރައީސް ވިދާޅުވި އަދަދުކަމަށްވާ 700 އަށް ވުރެ މަގާމުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން އިތުރުކުރި މަޤާމުތަކުގެ އަދަދު ސާފުކޮށް އެނގެން ނެތްނަމަވެސް، އެ އަދަދު 2000 ގައި ހުރިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މައުރޫފް ވިދާޅުވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށާއި ޚަރަދު ކުޑަކުރުމަށްޓަކައި އެތައް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. އެހެންކަމުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުން ހުއްޓާލުމަށް ކުއްލި މައްސަލާގައި އޭނާ ގޮވާލާފައި ވެއެވެ.

އެގޮތުން ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ފާއިތުވި ހަފުތާގައިވެސް ވަޒީފާއިން ވަކިކޮށްފައިވާކަމަށް އޭނާގެ ކުއްލި މައްސަލާގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.