މަޖިލިސްކުރާގެ ކައިރީގައި އޮންނަ ޕާކިންގައި ހުރި ސައިކަލުތަކުގައި ރޯކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 30 ދުވަހެވެ.
އެހެންނަމަވެސް އެ މުއްދަތު ހަމަވެގެން އަލުން އޭނާވަނީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގެ ހާޒިރު ކޮށްފައެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާގޮތުން، ދައުލަތުން އެދުނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރުވަމުން ދާތީ، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކޮށްދިނުމަށެވެ.
ކޯޓުން ނެރުނު އަމުރުގައިވަނީ، އޭނާ ކުށުގެ އަމަލު ހިންގައިފައިވާ ގޮތުން އެކަމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭކަމަށެވެ. އަދި އޭނާ ކުރިކަމަށް ތުހުމަތު ކުރާ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެތައް ބައެއްގެ މުދަލަށް އަދި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތް ކަމަށްވެސް ގަބޫލުކުރެވޭ ކަމުގައެވެ.
އެ މައްސަލައިގައި ހުށަހަޅައިފައިވާ ފުޓެޖްގެ ސްނެޕްޝޮޓާއި ޕްރޮސިކިއުޝަނުން ހުށަހަޅައިވާ އެހެނިހެން ލިޔުންތަކަށް ބަލާއިރު، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅައިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އެ މީހާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
ރައްޔިތުންގެ މަޖިލިސްގޭ ކުރިމަތީގައި މެދުޒިޔާރަތް މަގަށް ވާގޮތަށް އޮންނަ ޕާކިންގ ޒޯނުގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާގެ ރިޕޯޓް ފާއިތުވި ޖޫންމަހުގެ 3 ވަނަ ދުވަހުގެ ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ އެރޭ 03:15 ހާއިރުއެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.