ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ސްޕާއަކުން ހަށިވިއްކާކަމުގެ ތުހުމަތުގައި ތައިލެންޑް ތިން އަންހެނުންނާއި، ދިވެހި ފިރިހެނެއް ހައްޔަރުކުރީ ބުރާސްފަތި ދުވަހު ރެއެވެ.
ފުލުހުންގެ ޚިދުމަތުން ރޭ ބުނިގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ތައިލެންޑް ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާއަކީ 50 އަހަރުގެ މީހެކެވެ. ތައިލެންޑް ތިން އަންހެނުންކުރެ ދެ މީހުންނަކީ 30 އަހަރުގެ ދެ މީހުންނެވެ. އަނެއް އަންހެން މީހާ އަކީ 28 އަހަރުގެ މީހެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި "ހަށިވިއްކުން" ކަމަށް ބުނެފައި ވަނީ ފައިސާ ނުވަތަ ފައިސާއިން އަގުކުރެވިދާނެ އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ޖިންސީ ޢަމަލެއް ތިމާ ހިންގުމަށް ތިމާ އަމިއްލައަށް ހުށަހެޅުމުގެ ޢަމަލަށެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުގެ ޢަމަލަށެވެ. އަދި ފައިސާ ނުވަތަ އަގުހުރި އެއްޗެއްގެ މުޤާބިލުގައި، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫން މީހަކާއެކު ޒިނޭކޮށްފިނަމަ ނުވަތަ ޖިންސީ މުޢާމަލާތެއް ހިންގައިފިކަމަށް ވާނަމަ، އެ ޢަމަލުކުރާ މީހާ އެކުރަނީ ކުށެއްކަމަށް ޤާނޫނުލްއުޤޫބާތުގައި ބުނެފަވެއެވެ.
މި ކުށްސާބިތުވެއްޖެނަމަ ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ 1 އަހަރު ދުވަހަށް ޖަލަށް ލުމެވެ.