ދުންފަތާއި އެނާޖީ ޑްރިންކް ފަދަ ތަކެތި އެތެރެކުރުމަށް ގާނޫނުން ދީފައިވާ އިނާޔަތްތައް އަންނަ މަހުން ފެށިގެން ކަނޑާލަން ނިންމައިފިއެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒް 'ޕީއެސްއެމް’ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވަނީ، އާންމު ގަވައިދަށް ގެނެވުނު އިސްލާހުގެ ދަށުން ގެނެވުނު ބައެއް ބަދަލުތައް ހާމަކުރައްވައިފައެވެ.
އެއް ބަދަލަކީ ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލުމެވެ. އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕްކުރަން ގެންގުޅޭ ސާމާނާއި އެނާޖީ ޑްރިންކާއި އެއްގަމު އުޅަނދުފަހަރެވެ.
ރާއްޖެއިން ސިއްހަތާ ގުޅުންހުރި ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ، ދުންފަތުގެ ބާވަތްތަކަށް އިސްތިސްނާއެއް ދިނުމަށް އެ މުއާހަދާތަކުގައި ބާރުނާޅާ ކަމަށެވެ. އެހެންވެ އަންނަ މަހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ދެމުން ދިޔަ އިނާޔަތް ކަނޑާލަން ނިންމީ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން މިފަހަރު މި ގެނައި ބަދަލާ އެއްކޮށް ދުންފަތުގެ ބާވަތްތަކަށް އެއްކޮށް އެއްވެސް އެލަވަންސެއް ނުލިބޭނެ، އެހެން ނަމަވެސް އަޅުގަނޑުމެން އެއަށް އަމަލުކުރުން މަޑުޖައްސާލީ، ކުޑަކޮށް ލަސްކޮށްލީ، 1 އޮގަސްޓް އިން ފެށިގެން ދުންފަތުގެ ބާވަތްތަކަށް އެލަވަންސް ދިނުން ހަމަ ހުއްޓިގެން ދާނެ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.
ވުމާއެކު ދަތުރުވެރިން ރާއްޖޭގައި ތިބެގެން އެފަދަ ބާވަތްތަކަށް އޯޑަރުކުރިޔަސް، ނުވަތަ ފޮށި އެތެރެކުރިޔަސް އަންނަ މަހުން ފެށިގެން ޑިއުޓީ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، މި ބަދަލާ އެއްކޮށް އެއްގަމު އުޅަނދުފަހަރު އެތެރެކުރުމަށް ވެސް އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށާއި، އެ ނިންމުމުގެ ބޭނުމަކީ ރާއްޖެ ބައިބޯވުމަށް ހުރި ފުރުސަތުތައް ހަނިކުރުން ކަމަށެވެ.
ދެވަނަ ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އަމިއްލަ ފަރާތްތަކުން ގެންނަ މުދަލަށް މުދާ ބޭރުކުރުމާއި އެތެރެކުރުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަނޑައަޅާފައިވާ ޑިއުޓީގެ އަދަދު މަތިކުރުމެވެ.
އެގޮތުން، މި މަހުން ފެށިގެން ޑިއުޓީ މައާފްވާ މިންވަރު 10 ހާސް ރުފިޔާއަށް ބޮޑުކުރަން ކަސްޓަމުން ނިންމާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.