ރަޝިއާގެ ކުރީގެ ރައީސުންނަށާއި އާއިލާއަށް، އުމުރަށް ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ގާނޫނުގައި ރަޝިއާގެ ރައީސް ޕުޓިން ސޮއި ކުރައްވައިފިއެވެ.
މި ގާނޫނުގައިވާގޮތުން، ރަޝިއާގެ ކުރީގެ ހުރިހާ ރައީސުންނަށްވެސް އަދި ރައީސުންގެ އާއިލާގެ މެމްބަރަކުވެސް، ދުނިޔޭގައި ހުއްޓާ ކުރާ އެއްވެސް ކުށަކަށް އެގައުމުގައި ދައުވާވެސް ނުކުރެވޭނެއެވެ. އަދި މީގެ އިތުރުން ދައުރު ހަމަކޮށް މަގާމުން ވަކިވާ ދުވަހުން ފެށިގެން، ކުރީގެ ރައީސެއްކަމުގައި ވާނަމަ، އެމީހަކު، އުމުރު ދުވަހަށް، ވެގެން ދާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގޭ ސެނެޓަރއަކަށެވެ.
މިގާނޫނަކީ، ރަޝިއާގެ ރައީސް މިއަހަރު އިއުލާން ކުރެއްވި، ރަޝިޔާގެ ސިޔާސީ ނިޒާމަށް ގެންނެވުމަށް ނިންމަވާފައިވާ "އިސްލާހީ ބަދަލު"ތަކުގެ ތެރޭގައި ހިމެނޭ ގާނޫނެކެވެ.
މި ގާނޫނުގައި ވާގޮތުން، ޕުޓިން ބޭނުން ވެއްޖެ ނަމަ، އަދި އިތުރު 6 ދައުރަށް ވެރިކަމަށް ވާދަކުރުމުގެ ފުރުސަތުވެސް ޕުޓިންއަށް ލިބިގެން ދެއެވެ.
މިގާނޫނަކީ، ރަޝިއާގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ރަޝިއާގެ އާންމު ރައްޔިތުންގެ މެދުގައި ވޯޓުލައިގެން، ރައްޔިތުންގެ ރުހުމާއެކު، އެގައުމުގެ ގާނޫނު އަސާސީއަށް ގެނައުމަށް ޕުޓިން ނިންމަވާފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ގާނޫނެއްވެސް މެއެވެ.
ރަޝިއާގެ ގާނޫނު އަސާސީއަށް ގެންނަ މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން 2036ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމިހުރުމުގެ ފުރުސަތު ޕުޓިންއަށް ލިބިގެން ދެއެވެ. މި ބަދަލުތަކާ ނުލާ، ރަޝިއާގެ ގާނޫނު އަސާސީގައި ވާގޮތުން، ޕުޓިންއަށް ވެރިކަމުގައި ހުރެވޭނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.
ރަޝިއާގެ ގާނޫނު އަސާސީއަށް ޕުޓިން މިހާރު މިގެންނަމުންދާ ބަދަލުތަކުން، މިހާރު ފުރުއްވަމުން ގެންދަވާ ދައުރު ފުރިހަމަ ވުމަށްފަހުން، ދެން ހައްދަވާނެ ގޮތެއްގެ ކޮންމެވެސް ވަރެއްގެ މަންޒަރެއް ފެނިގެންދާ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ޕުޓިން މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ، ޖެހިޖެހިގެން ފުރައްވަމުން ގެންދަވާ ދެވަނަ ދައުރެވެ. އަދި އޭނާ ރަޝިޔާގެ ވެރިކަމުގައި ހުންނަވާ 4 ވަނަ ދައުރުވެސް މެއެވެ.
ރަޝިއާގެ ގާނޫނުތަކުގައި މިހާރުވެސް ވާގޮތުން، ވެރިކަމުގެ ދައުރުގައި ކޮށްފައިވާ ކުށަކަށް މިހާރުވެސް ކުރީގެ ރައީސެއްގެ މައްޗަށް އެގައުމުގައި ދައުވާއެއް ނުކުރެވެއެވެ. އެހެންނަމަވެސް، ޕުޓިން ސޮއި ކުރެއްވި މިގާނޫނުގައި ވާގޮތުން، ކުރީގެ ރައީސެއް ކަމަށް ވާނަމަ، އޭނާ ކުރާ އެއްވެސް ކުށަކަށް ދުނިޔޭގެ ހުއްޓަސް ނެތަސް ދައުވާއެއް ނުކުރެވޭނެއެވެ. އަދި، ވެރިކަމުގައި ހުއްޓަސް ނެތަސް، ކުރީގެ ރައީސަކު ހައްޔަރުކުރުން، ދިރި އުޅޭ ތަނެއް ބަލާ ފާސްކުރުން، ސުވާކުރުން އަދި އެއްވެސް ބާވަތެއްގެ ދައުވާއެއް އޭނާގެ މައްޗަށް ކުރުމަކީވެސް މަނާ ކަމެކެވެ.
މިގާނޫގައި ވާގޮތުން، ކުރީގެ ރައީސަކަށް މިގާނޫނުން ލިބޭ އެއްވެސް އިނާޔަތެއް އަބުރާ ގެންދިއުމަކީވެސް އުދަގޫ ކަމަކަށް ހަދާފައިވެއެވެ.
މިގޮތުން މިގާނޫނުގައި ވާގޮތުން، ކުރީގެ ރައީސަކަށް ލިބޭ އެއްވެސް އިނާޔަތެއް އަބުރާ ގެންދެވޭނީ، އާދަޔާ ޚިލާފު ބޮޑު ކުށެއް ކޮށްގެން، އެކަމުގެ ތުހުމަތުގައި، ގާނޫނު ހަދާ މަޖިލީހުގެ ދަށު ގެއިން ފާސްކޮށްގެން، އަދި މީގެއިތުރުން އެ މައްސަލަ މަތީ ގޭގެ ބޮޑު އަޢުލަބިއްޔަތަކާއެކު ފާސްކޮށްފިނަމަ އެވެ.
ރަޝިއާގެ ރައީސް ސޮއިކޮށްފައިވާ އިތުރު ގާނޫނުތަކުގައި ވާގޮތުން، ރަޝިއާގެ ފެޑެރަލް ކައުންސިލަށާއި، ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއަށް 30 ސެނެޓަރުން އައްޔަން ކުރުމުގެ ފުރުސަތު ޕުޓިންއަށް ލިބިގެން ދެއެވެ. އަދި މީގެ އިތިރުން، ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު، އަމިއްލަފުޅަށް ފެޑެރަލް ކައުންސިލްގައި އިންނެވުމުގެ ފުރުސަތުވެސް ޕުޓިންއަށް ލިބިގެން ދެއެވެ.
އަންގާރަ ދުވަހު، ރަޝިއާގެ ގާނޫނު ހަދާ މަޖލީހުގެ ދަށުގެ، ސްޓޭޓް ޑޫމާއިން ވަނީ މީގެ އިތުރުންވެސް އިތރު ގާނޫނެއް ފާސްކުރުމަށް ވޯޓު ދީފައެވެ. ދަށުގެއިން މި ގާނޫނު ފާސްވެގެން ދިއުމާއެކު، ރަޝިއާގެ ޝަރުއީ ދާއިރާގައާއި، ސަލާމަތީ ޚިދުމަތްތަކުގައާއި، ރެގިއުލޭޓްރީ އަދި އަސްކަރިއްޔާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުރިހާ މައުލޫމާތެއް ކަޑައެޅިގެންދާނީ ސިއްރު މައުލޫމާތުތަކުގެ ގޮތުގައެވެ.
މި ގާނޫނުވެސް ޕުޓިން ސޮއިކުރުމާއެކު ގާނޫނަކަށް ވެގެން ދާނެއެވެ. އަދި މިގާނޫނުގައިވެސް ޕުޓިން ސޮއިކުރުން ބެލެވިފައިވަނީ ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައެވެ.
މިގާނޫނުތައް ފާސްކޮށް، ގާނޫނުތަކުގައި ޕުޓިން ސޮއިކުރައްވާފައި މިވަނީ، ރަޝިއާގެ އިދިކޮޅު ލީޑަރު، ނަވާލްނީ، އޭނާ މަރާލަން މަސައްކަތްކުރި، ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސްގެ ސެކިއުރިޓީ އޭޖެންޓުންނަށް ފޯނުކޮށް އޭނާ މަރާލަން ރާވާފައިވާ ރޭވުމުގެ މައުލޫމާތު ހޯދާފައިވާ ކަމަށް ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.
ނަވާލްނީ ވިދާޅުވެފައިވަނީ، އޭނާއަށް ލިބިފައިވާ ފޯން ލޮގްތަކުންނާއި އަދި ޓްރަވެލް ރެކޯޑުތަކުން، ސެކިއުރީ އޭގެންޓުގެ ފޯން ނަމްބަރަށް މިހާރުވަނީ އެކްސެސް ލިބިފައެވެ.
ނަވާލަނީ ވަނީ ފަހުން ސެކިއިރިޓީ އޭޖެންޓުގެ ފޯނު ނަމްބަރާއި އަދި އެޑްރެސްވެސް އާންމުކޮށް ފެންނާނެހެން ޕަބްލިޝް ކޮށްފައެވެ. އެހެންނަމަވެސް، ޕުޓިން މިއަދު ސޮއިކުރި ގާނޫނުތަކުން، މި މައުލޫމާތު ހާމަކުރުން ވެގެންދާނީގާނޫނީ ކުށަކަށެވެ.