އަވަސް ފިޔަވަޅު އަޅައިގެން ނޫނީ ސަލާމަތެއް ނުވެވޭނެ: ގާސިމް

އަވަސް ފިޔަވަޅު އަޅައިގެން ނޫނީ ސަލާމަތެއް ނުވެވޭނެ: ގާސިމް

Author
ހުސައިން
03 ޖުލައި 2024 12:39
0

އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ހަރުކަށި ޕްރޮގްރާމަކަށް ރާއްޖެ ސަލާމަތް ކުރެވޭނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވައިގެން ކަމަށާއި، އެހިސާބަށް ގައުމު ދިޔަނުދީ ގައުމު ސަލާމަތްކުރަން ފިޔަވަޅުއަޅަން މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފަ އެވެ.

ގާސިމް އިބުރާހިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް މިއަދު ބަހުސް ކުރައްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ފިޔަވަޅު ނޭޅިއްޖެނަމަ އެންމެ ޒަރޫރީ ހާލަތަށްޓަކައި އޮންނަ ސަބްސިޑީ ވެސް ޖެހޭނީ ކަނޑާލަންކަމަށާއި، ހުރިހާ ސަބްސިޑީތައްވެސް ޖެހޭނީ ކަނޑާލަން ކަމަށެވެ.

އެހެންކަމަށް ވެއްޖެޔާ ރައީސުލްޖުމްހޫރިއްޔާއެއް ނުވަތަ އެހެން ވެސް މީހެއް ހުންނާކަށް ނުޖެހޭނެ، އިތުރަށް ދަންނަވަންތޯ، އެންމެ ޒަރޫރީ ހާލަތަށްޓަކައި އޮންނަ ސަބްސިޑީ ވެސް ޖެހޭނީ ކަނޑާލަން. ހުރިހާ ސަބްސިޑީތައް ޖެހޭނީ ކަނޑާލަން. އަޅުގަނޑު މިހެން މި ދަންނަވަނީ މިހުރިހާ މައުލޫމާތެއް ލިބިހުރި މީހެއްގެ ހައިސިއްޔަތުން.

ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދައުލަތަށް ފައިދާ ނުވާ ކުންފުނިތައްވެސް ހޯދާ ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމުގައެވެ. އޭނާ ވިދާޅުވީ އެ ފިޔަވަޅުތަކަށް ތާއީދު ކުރުމަށް ރައްޔިތުންގެ މަޖިލިހުން ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާން މަޖިލިސް އޮތީ ތައްޔާރަށް ކަމަށެވެ.

އެެހެންވީމަ ސާބިތުކަމާ އެކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ސާބިތުކަމާއެކު ލަސްނުކުރައްވާ ފިޔަވަޅު އަޅައިގެން ނޫނީ އަޅުގަނޑުމެންނަށް ސަލާމަތެއް ނުވެވޭނެ.

ގާސިމް އިބުރާހިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ ވާހަކަ ދައްކަވަނީ ހުރިހާ މައުލޫމާތެއް އެނގިހުރެ ކަމަށާއި، ކުރީ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ވާހަކައެއް ދެއްކިފައި އޮތަސް ގައުމު އޮތް ހާލަަތުން ސަލާމަތްކުރަން ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުންނާއި ކެބިނެޓުން އެކަން ކުރަން އަމާޒު ހިފާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމްވަނީ އިންތިޚާބާ ދިމާކޮށް ކުންފުނިތަކަށް އެއްވެސް ހިފެހެއްޓުމެއްނެތި މުވައްޒަފުން ވައްދާފައިވާތީއާއި އަދި ކުރުމުއްދަތުގައި ދައްކަންޖެހޭ ބޮޑެތި ލޯނުތައް ނަގާފައިވާތީ ކުރީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.