ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް ހިންގާ ބޮޑު ނެޓްވޯކުގައި ތިބި މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ސިފައިން ވެސް ނެރެފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ މައްސަލައިގައި ކަރެކްޝަންސްގެ 18 މުވައްޒަފުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މިހާތަނަށް 13 މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން އަދިވެސް ތިބީ ބަންދުގައެވެ. މި މައްސަލައިގައި ހައްޔަރުކުރީ މުޅިން ވެސް ކަރެކްޝަނަލް ސާވިސްގެ ޖޫނިއާ ރޭންކްގެ އޮފިސަރުންނެވެ.
ހޯމް މިނިސްޓްރީން ބުނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން އެމްއެންޑީއެފުން އެ އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. ސިފައިންގެ ގާނޫނު އޮންނަ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ސިފައިން ބައިވެރިވާނީ އެކަމަށް ފުލުހުން އެދުމުންނެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އޮފިސަރުންގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. ދެ މީހަކު ކާށިދޫ އިން އަދި ހއ. އުތީމުންނާއި މާލެ އިން ވެސް އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 73.6 މިލިއަން ރުފިޔާ ޖަމާވެފައެވެ. އަދި އެ ތަނުން އެކަކުގެ އެކައުންޓަށް އެކިފަހަރުގެ މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެއެވެ.
ކޮމެންޓު ފޮނުވާ