ޚަރަދު ކުޑަކުރުމަށް އެމް.އޭ.ސީ.އެލުން އިސްނަގައިގެން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ޚަރަދު ކުޑަކުރުމަށް އެމް.އޭ.ސީ.އެލުން އިސްނަގައިގެން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އިއުލާންކުރެއްވި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އެއްގޮތަށް އެމް.އޭ.ސީ.އެލް އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ. އެގޮތުން ޖުމްލަ 10 ދާއިރާއަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައެވެ. އެއީ؛

  • ތެލާއި ކަރަންޓަށް ކުރާ ޚަރަދު: ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޖެންސެޓްތައް އައުކޮށް އެފިޝެންސީ އިތުރުކުރުން. މީގެ ސަބަބުން ތެޔޮ ބޭނުންކުރާ މިންވަރުގެ 20 އިންސައްތަ ދަށްކުރެވޭނެ. ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި ޖެންސެޓްތައް ބޭނުންކުރަން ފެށޭނެ.
  • ކޮންސިއުމަބަލްސް ގަންނަން ކުރާ ޚަރަދު: އެމް.އޭ.ސީ.އެލް އަކީ 4000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ މުވައްސަސާއަކަށް ވީއިރު، ޕްރިންޓިންގ އާއި ސްޓޭޝަނަރީސް ފަދަ ކަންކަންކަމަށް ބޮޑު ހޭދައެއްކުރޭ. މިކަންކަމަށް ކުރާ ޚަރަދު ކުޑަކޮށް ކުރިޔަށް އޮތް 1 އަހަރު ދުވަސްތެރޭ ކުންފުންޏަކީ ޕޭޕަރ-ލެސް ކުންފުންޏަކަށް ހެދުމަށް ވަނީ އަމާޒުހިފާފައި.
  • ފެނަށް ކުރާ ޚަރަދު: ފެން އިސްރާފުވުން ކުޑަކޮށް ފެނަށް ކުރެވޭ ޚަރަދު ކުޑަކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ދަތުރުފަތުރަށް ކުރާ ޚަރަދު: މުވައްޒަފުންގެ ތަމްރީންތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ޓްރެއިނަރުން ރާއްޖެއަށް ގެނައުން ނުވަތަ އޮންލައިންކޮށް ތަމްރީންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން. ކޮންމެހެން ކުރަންޖެހޭ ޙާލަތެއްގައި މެނުވީ ބިޒްނަސް ކްލާހުގައި ދަތުރު ނުކުރުން.
  • ކުންފުނި ރީސްޓްރަކްޗަރ ކުރުން: އެމް.އޭ.ސީ.އެލް އަކީ އެއަރޕޯޓްގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ވެސް ދޭ ކުންފުންޏެއް. މިގޮތުން ކުންފުނީގެ މަސައްކަތްތަކުގެ އެފިޝިއަންސީ ބަލައި ކުންފުނި ރީސްޓްރަކްޗަރ ކުރެވިގެންދާނެ.
  • މަސައްކަތްތައް އައުޓްސޯސް ކުރުން: އައުޓްސޯސް ކުރުމުން ޚަރަދު ކުޑަކުރެވޭނެ ފަދަ މަސައްކަތްތައް އައުޓްސޯސްކުރުން.
  • ބޭންކް ޗަރޖަށް ކުރާ ޚަރަދު: ބޭންކް ޗަރޖަސް ކުޑަކުރުމަށް ބޭންކްތަކާއިއެކު މަޝްވަރާކުރުން.
  • ކޮމިއުނިކޭޝަނަށް ކުރާ ޚަރަދު: މިހާރަށް ވުރެ ކޮމިއުނިކޭޝަން ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކޮމިއުނިކޭޝަނަށް ކުރެވޭ ޚަރަދު 60 އިންސައްތަ ކުޑަކުރުން.
  • އިންވެންޓްރީއަށް ކުރާ ޚަރަދު: ކޮންމެހެން މުހިންމުނޫން އިވެންޓްރީގަތުން މިވަގުތަށް ހުއްޓާލުން.
  • އިވެންޓްތައް ބާއްވަން ކުރާ ޚަރަދު: އިވެންޓްތަކަށް ކުރާ ޚަރަދު 100،000 ރުފިޔާއަށްވުރެ ކުޑަކުރުން.

މިކަމާ ބެހޭ ތަފްސީލްތައް ދެއްވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކުރެވި ލިބޭ ފައިދާވެސް އިތުރުކުރެވޭނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެމް.އޭ.ސީ.އެލް އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާ ބޮޑު އެއް ކުންފުނިކަމުގައި ވީނަމަވެސް، އެމް.އޭ.ސީ.އެލް އިން ވެސް ރަނގަޅުކުރަން ޖެހޭކަންކަން ހުންނާނެކަން ފާހަގަކުރެއްވިއެވެ. އަދި  މި ފިޔަވަޅުތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ސީ.އީ.އޯ ދެއްވިއެވެ. "ރީސްޓްރަކްޗަރ ކުރުމަކީ މުވައްޒަފުންތަކެއް ކަނޑާލުމެއް ނޫން. މުވައްޒަފުންނާއި ނުލައެއް މި ކުންފުނި ނޯންނާނެ. އެހެންވީމާ މުވައްޒަފުންގެ މުސާރައެއް ނުކަނޑާނެ. ކުޑައެއްނުކުރާނެ. އެއްވެސް އިނާޔަތަކަށް ނޭދެވޭ ބަދަލެއް ނާންނާނެ." ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢޫތައް ލަސްވެ ވަރަށް ގިނަދުވަސްތަކަކަށް ދިގުދެމިގެން ގޮސްފައިވުމުގެ ސަބަބުން ކުންފުންޏަށް ލިބެމުން ދިޔަ ގެއްލުންތައް މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށާއި އައު ފެސިލިޓީ ތަކާއި އެކު އެފިޝަންސީ އިތުރުވުމަކީ ކުންފުންޏަށް ފައިދާވާނެ ކަމެއްކަން ސީ.އީ.އޯ ފާހަގަކުރެއްވިއެވެ. އަދި އައު ފެސިލިޓީތައް މިހާރު ބޭނުންކުރަމުންދާއިރު، ޚިދުމަތްތައް ކުރިޔަށްވުރެ އަވަސްވެފައިވާކަން ފާހަގަކުރެއްވިއެވެ.

އެމް.އޭ.ސީ.އެލް އިން މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އަމާޒާއި އެއްގޮތައް މި އަހަރުގެ ނިޔަލަށް އައު ފަސިންޖަރ ޓަރމިނަލްގެ ބައެއް ޚިދުމަތްތައް ދޭންފެށުމަށެވެ. އައު ޓަރމިނަލްއަކީ ޖާގައިގެ ގޮތުން ތަނަވަސް، އަހަރަކު 7.5 މިލިއަން ފަސިންޖަރުން ހޭންޑްލް ކުރުމުގެ ޤާބިލްކަންހުރި ތަނެކެވެ. މީގެ އިތުރުންވެސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *