މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ އައިޖީއެމްއެޗުން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އައިޖީއެމްއެޗުން ބުނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އައިޖީއެމްއެޗުން ވަނީ އަންގައިފައެވެ.
ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށް އެދިފައިވެއެވެ. އަދި ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އައިޖީއެމްއެޗުން ވަނީ އަންގައިފައެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް ދާދި ފަހުން އައިޖީއެމްއެޗްގައި ހުޅުވާފައިވާ އިރު، މި ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގަ އެވެ. މި ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ހެނދުނު ދުވަހެއްގެ 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ.