ވަގަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓު ހޯދައިފި

ވަގަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓު ހޯދައިފި

ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އޮންނަ އިޖްރައާތު ފުރިހަމަނުކޮށް، ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކާޓަންތަކެއް ކަސްޓަމްސް އިން ހޯދައިފިއެވެ.

ކަސްޓަމުން ބުނީ ކަސްޓަމްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ބުދަ ދުވަހު މާލެ އާއި ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށް ބުނެފައިވެއެވެ.

މި ހާއްސަ އޮޕަރޭޝަންގައި ޖުމްލަ 173 ކާޓަން ނުވަތަ 1.7 މިލިއަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި މި ތަކެތީގެ ލަފާ ކުރެވޭ މާކެޓް ވެލިއުއަކީ 1.6 މިލިއަން ރުފިޔާ ކަމަށްވާ އިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މި އޮޕަރޭޝަންގައި ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަން ލިބުނު ކަން ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނީ، އެ އިދާރާގެ މަސައްކަތްތައް މިއަދު ބައްޓަންވެފައިވަނީ ދުރާލާ ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަރ ޕްރޮފައިލަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް، މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށް ކަމަށެވެ.

މިގޮތުން ކަސްޓަމްސްއަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ޤާނޫނާ ގަވައިދާ ހިލާފު އަމަލުތަކަށް ޝައްކު ކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަރ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ޤާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލްވުމަށްޓަކައި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފައެވެ.

މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައި ފާސްކޮށް، އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށާއި އޮޕަރޭޝަންތަކުގައި ފާހަގަ ކުރެވޭ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރު ކުރާ ފަރާތްތަކުގެ މައްސަލަތައް ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *