ރ.މައުމޫން، ޒަރިޔަންދަށް: ތިޔަވިދާޅުވާ މައްސަލައިގެ ތަފްސީލު ފޮނުވައިދެއްވާ

ރ.މައުމޫން، ޒަރިޔަންދަށް: ތިޔަވިދާޅުވާ މައްސަލައިގެ ތަފްސީލު ފޮނުވައިދެއްވާ

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 08:43
0

ޓްރާސްޕޯޓް މިނިސްޓްރީގެ ތެރޭގައި އެމްއާރުއެމްއަށް ނިސްބަތްވާ ބޭފުޅަކު ކޮރަޕްޝަނަށް މަގުފަވިވާފަދަ އަމަލުތައް ހިންގައިވާކަމަށް ބުނެ ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމައިލް ޒަރިޔަންދު ވިދާޅުވާ މައްސަލައިގެ ތަފްސީލް ފޮނުވައި ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފިއެވެ.

އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅުންތަކަކަށް ކުރެވިފައިވާ މިދަނޑިވަޅުގައި ޒަރިޔަންދު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރެއްގެ އަމަލުތަކުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަކަށް އަމަލުތައް ހިންގަމުންދާކަމަށެވެ. މިކަމުގައި ރައީސް މައުމޫން ގޮތެއް ނިންމެވުމަށް ޒަރިޔަންދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މައުމޫން އަށް، ޓްރާންސްޕޯޓު މިނިސްޓްރީގެ އެމް.އާރ.އެމްއަށް ނިސްބަތްވާ ފިރިހެން ޑިޕިޔުޓީ މިނިސްޓަރުގެ ޢަމަލުތަކުން؛ ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކުރާކަން ހާމަވުމުގެ މަރުޙަލާގައި އެފަރާތާއިމެދު ގޮތެއް ނިންމަވައިދެއްވުން އެދެން.

– ޒަރިޔަންދު ވިދާޅުވިއެވެ. 

ޒަރިޔަންދުގެ މިވާހަތަކާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިމައްސަލައިގެ ތަފްސީލް އެމްއާރުއެމްގެ އޮފީހަށް ފޮނުވައި ދެއްވުމަށެވެ.

މި މައްސަލާގެ ތުހުމަތު މިނިސްޓްރީގެ ތެރެއިން ބޮޑަށް އަންނަނީ މި މަސައްކަތް ވަސާޖިއޯ އާއި ހަވާލުކުރި ބިޑް ކޮމިޓީގެ ޗެއާ އަދި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށެވެ. ނަމަވެސް އެކަން އޭނާ ދޮގުކުރެއެވެ. އަދި އެއީ ވަކި ބަޔަކު ބޭނުންވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ނުކުރުމުން ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ޝިމާޒް ވިދާޅުވެއެވެ.

މި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ކުރިއަށްއެބަ ގެންދެއެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކަމާ ގުޅޭ ލިއުންތައް މިނިސްޓްރީން އޭސީސީއަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

ވެހިކަލްތަކުގެ ނަމްބަރު ބޯޑުތަށް މިހާރު ހުންނަ ގޮތުން ސްޕީޑް ކެމެރާ ތަކާއި އެނޫންވެސް ސަލާމަތީ ވަސީލަތްތަކަށް ދަތި އުނދަގޫ ވާކަމަށް ފުލުހުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ނަމްބަރު ބޯޑުތަށް އެއްގޮތަކަށް ބަދަލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ، ޓްރެފިކް ބަލަހައްޓާ މެޝިނާއި ކެމެރާތަކަށް ފަސޭހައި ދެނެގަނެވޭނެ ގޮތަކަށް ރާއްޖޭގެ ހުރިހާ އެއްގަމުން އުޅަނދެއްގެ ނަމްބަރު ބޯޑުތަށް ބަދަލުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.