މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިއަދު ހެނދުނު ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) އަށް އަނިޔާ ކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.
މިއަދު ނިޔާވި ޖަމީލަށް އަނިޔާ ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދަނީ، އޭނާ ނިޔާވެފައި ވަނިކޮށް މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯއަކަށް ނިސްބަތް ކޮށެވެ.
އެ ފޮޓޯއިން އެނގެން ހުންނަ ގޮތުގައި ޖަމީލު މޫނުގެ ބައެއް ތަންތަން ރަތްވެފައި، އަދި ނޫފައިގެންފައި ވާކަމަށް ފެންނަގޮތަށް ސިފަވާން ހުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯއާއި ގުޅޭގޮތުން ކަރެކްޝަންސްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ޖަމީލް ނިޔާވުމާއި ގުޅިގެން މަރުގެ މައުލޫމާތު ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަގުތުން ދީފައިވާނެ ކަމުގައެވެ.
އަދި އެމަރާއި ގުޅުންހުރި ކަންކަން ސާފުވާނީ ކުރެވެމުންދާ ތަހުގީގުތައް ނިމުމުންކަމަށްވެސް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.
ޖަމީލްގެ މަރާއި ގުޅިގެން ކަރެކްޝަންސްއިން ބުނެފައިވަނީ، މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައި ވާކަމށެވެ. އެހެންނަމަވެސް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށާފައިވާކަމަށްވެސް ކަރެކްޝަންސްއިން ބުނެފައި ވެއެވެ. ކަރެކްޝަންސްއިން ބުނެފައިވަނީ، އެއަށްފަހު 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައި ކަމުގައެވެ.
މީނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. މީނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެކެވެ.
ކަރެކްޝަންސްއިން ބުނެފައި ވެއެވެ.
މުޙައްމަދު ޖަމީލް ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ވާކަމަށްވެސް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.