ޤަޠުޢީ ޙުކުމެއް އޮތް ކަމެއްގައި ނަސަބު ކަަނޑައެޅުމަށް ޑީއެންއޭ ބޭނުން ނުކުރެވޭނެ

ޤަޠުޢީ ޙުކުމެއް އޮތް ކަމެއްގައި ނަސަބު ކަަނޑައެޅުމަށް ޑީއެންއޭ ބޭނުން ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 03:50
0

ޒިނޭއާއި ކައިވެނީގެ ނަތީޖާއާމެދު ފަރަޤެއް ނުކުރާ މުޖުތަމަޢުތަކުގައި ބަފާ ކަށަވަރު ކޮށް ދަރިލެއްވުމަށް ޤާނޫނީ ގޮތުން ޑީއެންއޭ ބޭނުންކުރާ ބީދައިން، އެކަމުގައި ޤަޠުޢީ ޙުކުމްތަކެއް އޮތް ވަޙީގެ މައްޗަށް ބިނާވެފައިވާ ޝަރީޢަތަކަށް ޢަމަލުކުރާ މުޖުތަމަޢުތަކުގައި ޢަމަލެއް ނުކުރެވޭނެ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކުރައްވައި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކޭކަމުގައެވެ.

އިސްލާމީ ޝަރީޢަތުގައި ޙައްދުކަނޑައެޅިފައިވާ ކަންކަމާއި ޤިޞާޞްގެ ޙުކުމްތައް ފިޔަވައި އެހެނިހެންޖިނާއީ ތަޙުޤީޤުތަކުގައްޔާއި ޤަޟާއީ ނިޒާމުގައި ޑީއެންއޭ ޤަރީނާ ޤަބޫލުކުރުމަށް ބާރު އަޅަން. ޑީއެންއޭ ޤަރީނާއަކީ (ބައްޔިނާތު) ހެއްކާ ޤަރީނާގެތެރެއަށް ވަންނަވަރުގެ ބުރަދަންހުރި ޢިލްމީ ޙުއްޖަތެއް. އައިޑެންޓިޓީ ކަށަވަރުކުރުމަށް ޑީއެންއޭ ބޭނުންކުރުން ޖާއިޒުކަންކަމުގެ ތެރޭގައި، ގެއްލިފައިވާ މީހާ، އަނދާފައިވާމީހާ، ހަނގުރާމަތަކާއި ހާދިސާތަކުގައި މަރުވާމީހާ، ކުޑަދެކުދިން އޮޅިގެން އައިޑެންޓިޓީ ދެނެގަތުން ފަދަ ކަންކަމުގައި ޑީއެންއޭ ޤަބޫލުކުރުމަކީ ޝަރީޢާ އާ ތަޢާރުޟުވާ ކަމެއްނޫން.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަރުޢީ ނަސަބުގެ ޙައްސާސްކަންބޮޑުކަމުން އެއާ ގުޅުންހުރި ކަންކަމުގައި ޑީއެންއޭ ބޭނުންކުރުމާމެދު ރައްކާތެރިވާންޖެހޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ނަސަބުގެ ކަންކަމުގެ މައްޗަށް ތަރިކައާއި ކައިވެންޏާ ވަރަށް ގިނަކަންކަން ތަރައްތުބުވެފައިވާއިރު، ޑީއެންއޭގެ މައްޗަށް ވަޙީގެ ޤަޠުޢީ ޙުކުމްތައް އިސްކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަރުޢީ މަގުން ސާބިތުވެފައިވާ ނަސަބެއް އިތުރަށް ކަށަވަރު ކުރުމަށާއި ނަފީކުރުމަށް ޑީއެންއޭ ބޭނުންކުރުމަކީ ހުއްދަކަމެއްނޫން. ލިޢާން ކުރުމުގައި ޑީއެންއޭ ބޭނުންކުރުމަކީ ލިޢާންގެ ޝަރުޢީ ޙިކުމަތާއި މަޞްލަޙަތުތަކާ ފުށުއަރާކަމެއް. ލިޢާންގެ ޙިކުމަތަކީ ދެ ފަރާތުގެ އަބުރު ޙިމާޔަތްކުރުން. ޑީއެންއޭއަކީ އޭގެ ޒާތުގައި ޞައްޙަކަންބޮޑު ޤަރީނާއަކަށް ވިޔަސް ނުފޫޒުން/އިންސާނުން ހަދާ ގޯހަކުން/އިހުމާލަކުން/ ލެބޯޓްރީގެ ފެންވަރުން އޭގެ ނަތީޖާއަށް އަސަރުކޮށްފާނެ އެއްޗެއް ކަމުގެ އިޙުތިމާލު އޮތުމުން ޙައްދުޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ޤަޠުޢީ ޙުއްޖަތެއްނޫން.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަރީޢާގައި ވަޙީގެ ޤަޠުޢީ ޙުކުމް އައިސްފައިވާ ކަންކަމުގައި ޑީއެންއޭ ބޭނުންކުރުން ހުއްދަ ނޫންކަމުގައި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި މުސްލިމު ވޯލްޑްލީގްގެ އިސްލާމިކް ފިޤުހުއެކަޑަމީ އާއި މިޞްރުގެ ދާރުލްއިފްތާ އިން ނިންމާފައިވެއެވެ.

އިސްލާމީ ޝަރީޢަތަކީ ޢިލްމާ ތަޢާރުޟްވާ ޝަރީޢަތެއްނޫން، ނަމަވެސް އިސްލާމީ ޝަރީޢަތުގައިވާ ޤަޠުޢީ ޙުކުމްތަކަކީ ވަޙީގެ މައްޗަށް ބިނާވެފައިވާ ޙުކުމްތަކެއްކަމުން ޤަޠުޢީ ޙުކުމްތައް އިސްލާމީ ޤަޟާޢީ ނިޒާމުން ދަމަހައްޓަންޖެހޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ވަޙީގެ މައްޗަށް އެހެން އެއްޗެއް އިސްވެގެން ނުވޭނެ ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ ފިޤުހީ އިޖުތިހާދު ކުރުން ޖާއިޒުކަންކަމާއި ޖާއިޒު ނޫންކަން ހުންނަ އިރު، ޤަޠުޢީ ޙުކުމްތަކާއި ޝަރުޢީ ޤަވާޢިދުތަކަށް ބެލުމެއްނެތި ނަސަބާއި ގުޅުން ހުރި ކަންކަމުގެ ތެރެއަށް ޑީއެންއޭ ވައްދައިފި ނަމަ، ޝައްކާ ވަހުމް ގިނަވެ އެތައް ބައެއްގެ އަބުރާއި ކަރާތު ހިގައިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.